މާލޭ ހެލްތު ކޯޕަރޭޝަންގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރައާއެކު ދޭންޖެހޭ އިތުރު ގަޑީގެ އެލަވަންސް ފައިސާ ނުދެވުނީ ބަޖެޓް ތާށިވެގެން ކަމަށާއި އަންނަ މަހުގެ މުސާރައާއެކު އެ ފައިސާ ޖަމާ ކޮށްދޭނެ ކަމަށް ހެލްތު ކޯޕަރޭޝަނުން ބުނެފި އެވެ.

ކޯޕަރޭޝަންގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ މިދިއަ މަހު އެކުންފުނީގެ މުވައްޒަފުންގެ އޯޓީއަށް ޖެހޭ އެލަވަންސްތައް ދެވޭ ގޮތް ނުވީ ކުންފުނީގެ ބަޖެޓް ތާށިވެގެން ކަމަށެވެ.
ބެޖްޓް ތާށިވީ އެހެން ހަރަދުތައް އިތުރުވެގެންތޯ ސުވާލު ކުރުމުން ޒީނަތު ވިދާޅުވީ "އެކަހަލަ ގޮތަކަށް" ކަމަށެވެ.

"ހޮސްޕިޓަލެއް ވީމާ އެހެން ދިމާވެދާނެ، އަދި ހަރަދުތައް އެހެން ބަދަލުވެގެން ވެސް ހިނގައިދާނެ،" އޭނާ ވިދާޅުވި އެވެ.

މިދިއަ މަހުގެ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ފައިސާ ޖަމާކުރިއިރު އިތުރު ގަޑީގެ ފައިސާ އާއި އެލަވަންސްތަކެއް ނުހިމަނާ ހުރުމުން ވަރަށް ގިނަ މުވައްޒަފުން ވަނީ ޝަކުވާ ކޮށްފައެވެ. ޒީނަތު ވިދާޅުވީ އުނިކުރި ފައިސާއަކީ މުވައްޒަފުންގެ ހައްގެއް ކަމަށާއި އެފައިސާ ޖަމާކޮށްދޭނެ ކަމުގެ ޔަގީންކަން ކުންފުނިން މުވައްޒަފުންނަށް ދޭ ކަމަށެވެ.