އުރީދޫ މޯލްޑިވްސްއާއި ފީލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ މަސްރޭހުގެ ހަތަރު ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.

އަންނަ ހުކުރު ދުވަހު ފަށާ އުރީދޫ މަސްރޭހުގެ ހަތަރު ޕާޓްނަރުންނާއެކު ފީލް އިންވެސްޓްމަންޓުން ސޮއިކޮށްފައިވަނީ މިއަދު ހަވީރު ހޮޓެލް ޖެންގެ އަޒުރް ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއްބަސްވުންތަކުގައި ފީލް އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން އައިޝަތު އަލްމާސްއެވެ.

މަސްރޭހުގެ ސޯޝަލް މީޑިއާ، މާކެޓިން އަދި ޕީއާރް ޕާޓްނަރަކަށް ހަމަޖެއްސީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރ އޮޕަރޭޓާސް އެންޑް ޓްރެވަލް އޭޖެންޓްސް (މަޓާޓޯ)އެވެ. މަޓާޓޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމެވެ.

މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް) ހަމަޖެއްސި އިރު، އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފެވެ.

މަސްރޭސް އެންޑޯސްކޮށް ޕާޓްނަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް ޓޫރިޒަމް ވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ހަލީމް ސޮއިކުރެއްވި އިރު، ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރެވެ.

މިއަހަރުގެ މަސްރޭހުގައި އެންމެ ބޮޑު ތަފާތަކަށް ފެންނާނީ މުޅި ރާއްޖޭގައި މަސްރޭސް ކުރިއަށް ގެންދިއުމެވެ. އެގޮތުން މިއަހަރުގެ މަސްރޭހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ރިސޯޓުތަކާއި، ކުންފުނިތަކުގެ އިތުރުން މިނިސްޓްރީތަކަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ފާއިތުވި އަހަރުތަކުގައި މާލޭ ސަރަހައްދަށް އެކަނި މުބާރާތް ކުރިއަށް ގެންގޮސްފައިވާ އިރު، މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ކޮލިފައިން ބުރެއްގެ އިތުރުން ފައިނަލް ބުރަކަށް ބަހާލައިގެންނެވެ. ކޮލިފައިން ބުރުތައް އަތޮޅު ތެރޭގެ އެކިއެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް އުރީދޫން ނިންމާފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް އެކުލެވޭ ފައިނަލް ބުރު ކުރިއަށްދާނީ މާލޭގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ ކޮލިފައިން ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އުތުރާއި މެދު ރާއްޖެތެރެ އަދި ދެކުނުގެ ރިސޯޓުތަކަށް ވަކިންނެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ލިބޭ ޓީމުތަކަށް ދެވަނަ ބުރުން ޖާގަ ލިބޭ އިރު، ކުންފުނިތަކާއި މިނިސްޓްރީތަކުގެ ކޮލިފައިން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާފުށީގައެވެ. އެ ބުރުގައި ޖާގަ ދިނުމަށް އުރީދޫން ނިންމާފައިވަނީ އަށް ޓީމަށެވެ.

މިއަހަރުގެ މަސްރޭހުގައި ޖުމްލަ ދިހަ އިވެންޓެއް ކުރިއަށްދާނެއެވެ. މި މަހުން ފެށިގެން ތިން މަހަށް މުބާރާތް ކުރިއަށްގެންދިއުމަށް އުރީދޫން ނިންމާފައިވާ އިރު، ފައިނަލް ބުރު އޮންނާނީ ރަމަޟާން މަސް ތެރޭގައެވެ.

މިދިޔަ ދެ އަހަރު އުރީދޫ މަސްރޭސް ކުރިއަށް ގެންގޮސްފައިނުވި ނަމަވެސް، އޭގެ ކުރިން ޖެހިޖެހިގެން ހަތް އަހަރު މަސްރޭސް ވަނީ ބާއްވައިފައެވެ. މިއަހަރުގެ މަސްރޭހުގެ އިވެންޓް ޕާޓްނަރަކީ ފީލް އިންވެސްޓްމަންޓެވެ.