ކާމިޔާބު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުއާ އެކު މަސައްކަތް ކޮށްލުމަކީ ވަރަށް ކުރިން ފެށިގެން ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި، ފިލްމު "ރާޒީ"އާ އެކު އެ ހުވަފެން ހަގީގަތަކަށް ވެއްޖެކަމަށް ފިލްމުގެ ލީޑު އެކްޓަރު ވިކީ ކޯޝަލް ބުނެފިއެވެ.

މޭގްނާ ގުލްޒާރް ޑައިރެކްޓު ކޮށްފައިވާ "ރާޒީ" ޕްރޮޑިއުސް ކޮށްފައި ވަނީ ކަރަން ޖޯހަރެވެ. ފިލްމުގައި ވިކީއާ އެކު ފެނިގެން ދާނީ ހުނަރުވެރި ބަތަލާ އާލިއާ ބަޓްއެވެ.

ވިކީ ބުނީ ކަރަން ފަދަ ކާމިޔާބު ޕްރޮޑިއުސަރެއްގެ ފިލްމުގައި މަސައްކަތް ކޮށްލަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި "ރާޒީ" ފަދަ މޮޅު ފިލްމެއްގައި މަސައްކަތް ކޮށްލަން ލިބުމުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާ ކަމަށާއި، ރަނގަޅު ޑައިރެކްޓަރުންނާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބޭނެކަން އެނގޭ ކަމަށެވެ.

"ރާޒީ"ގެ އިތުރުން ކަރަންގެ ފިލްމު "ބޮމްބޭ ޓޯކީޒް"ގެ ދެވަނަ ބައިންވެސް ވިކީއަށް ވަނީ ފުރުސަތު ދީފައެވެ. އެ ފިލްމުގައި ވިކީއާ އެކު ފެނިގެން ދާނީ ކިއާރާ އަދްވާނީ އަދި ނޭހާ ދޫޕިއާއެވެ.

ހަރިންދަރު ސިއްކާގެ ފޮތް "ކޯލިންގް ސެހްމަތު"ގެ މައްޗަށް އުފައްދައިފައިވާ ފިލްމު "ރާޒ" ގައި ވިކީއަކީ ޕާކިސްތާން އަސްކަރިއްޔާގެ އޮފިޝަލެކެވެ.

ފިލްމުގައި ފެނިގެން ދާނީ 1971 ވަނަ އަހަރު ކުރިއަށް ދިޔަ އިންޑޯ-ޕާކިސްތާން ހަނގުރާމައިގެ ތެރެއިން، އިންޑިއާ އަސްކަރިއްޔާއަށް ޖާސޫސް ކޮށްދިނުމަށް ޕާކިސްތާން މިލިޓަރީ އޮފިޝަލަކާ ކައިވެނިކޮށްގެން ޕާކިސްތާނަށް ދާ އަންހެނެއްގެ ވާހަކައެވެ.

ޖަންގްލީ ޕިކްޗާޒް އަދި ދަރްމާ ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު ރިލީޒްކުރާނީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހުއެވެ.

"ރާޒީ"ގެ އިތުރުން ވެސް މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އިތުރު ދެ ފިލްމެއްގައި ވިކީ ވަނީ މަސައްކަތް ކޮށްފައެވެ. އެއީ ރާޖްކުމާރު ހިރާނީގެ ކުރިއަށް އޮތް ފިލްމު "ސަންޖޫ" އަދި އަނޫރާގް ކަޝްޔަޕްގެ "މަންމަރްޒިޔާން"އެވެ.