ބޮލީވުޑް ބަތަލާ ޝްރައްދާ ކަޕޫރު ކައިވެނި ކުރާނެ މީހަކާއި، ކައިވެނި ކުރާނެ ދުވަހެއްވެސް އެނގޭނީ ޚުދު އޭނާއަށް ކަމަށް، ޝްރައްދާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރު ބުނެފިއެވެ.

ޝްރައްދާއަކީ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ދައްކާ ފަންނާނެއް ނޫނެވެ. ނަމަވެސް އެހެން ބޮލީވުޑް ފަންނާނުންނާ އޭނާ އާވެސް އަޅުވާ ކިޔައި ހަދަ އެވެ. އޭގެ ތެރޭގައި ފަރްހާން އަޚްތަރު އަދި އަދިއްތުޔަ ރޯއި ކަޕޫރު ހިމެނެއެވެ.

ނަމަވެސް އެ ވާހަކަތަކަށް ޝްރައްދާ ދީފައި ވަނީ ބީރު ކަންފަތެކެވެ. ޝްރައްދާގެ ފަރާތުން ޖަވާބެއް ނުލިބުމުން ނޫސްވެރިންގެ ސުވާލުތައް އެންމެ ފަހުން އަމާޒުވީ އޭނާގެ ބައްޕައަށެވެ.

ވަރަށް ފަހުން ބޭއްވި ހަފްލާއެއްގައި ނޫސްވެރިން ވަނީ ޝްރައްދާގެ ކައިވެންޏާ ގުޅުވައިގެން ޝަކްތީއާ ސުވާލު ކޮށްފައެވެ.

ޝަކްތީ ބުނީ ކޮންމެ ބައްޕައެއް ވެސް ބޭނުންވާނީ ރަނގަޅު، ގަދަރުވެރި އާއިލާއެއްގެ މީހަކާ ދަރިފުޅުގެ ކައިވެނިކުރުވަން ކަމަށެވެ.

ނަމަވެސް މިއީ މައިންބަފައިން ދަރިންނަށް އިންނާނެ މީހަކު ދައްކާ ޒަމާން ނޫން ކަމަށާއި، އެފަދަ ބޮޑު ނިންމުމެއް ނިންމާނީ ދަރިން އަމިއްލައަށް ކަމަށެވެ.

"ޝްރައްދާ މިހާރު އުޅެނީ މަސައްކަތުގައި ވަރަށް އަވަދިނެތި. އެކަމަކު ކައިވެނި ކުރަން ވުމުން އެނގޭނީ އޭނާއަށް. އިންނާނެ މީހަކުވެސް އެނގޭނީ އޭނާއަށް. އެކަމަށް އަހަރުމެންގެ އެއްވެސް މައްސަލައެއް ނެތް،" ޝަކްތީ ބުންޏެވެ.

ޝްރައްދާގެ ގިނަ އަދަދެއްގެ ފިލްމުތަކެއް ކުރިއަށް އެބަ ހުއްޓެވެ. ޝާހިދު ކަޕޫރާއެކު ޝްރީ ނާރާޔަންގެ "ބައްޓީ ގުލް މީޓަރު ޗާލޫ"ގެ ޝޫޓިން މިހާރު ކުރިއަށް ދާއިރު، ޕްރަބާސް އާއެކު "ސާހޯ"އިން ވެސް ފެނިގެން ދާނީ ޝްރައްދާއެވެ.

އަދި އިންޑިއާގެ ކުޅަދާނަ ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ބަޔޮޕިކްގެ އިތުރުން އަމަރު ކޯޝިކްގެ "ސްޓްރީ"ގެ މަސައްކަތް ވެސް ކުރިއަށް އެބަ އޮތެވެ.