މިދިޔަ އަހަރުގެ އޭޕްރިލް މަހު މަރާލި ބްލޮގަރ އަދި އެކްޓިވިސްޓް ޔާމީން ރަޝީދުގެ ޝަރީއަތްް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދޭނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވި ކަމަށް ޔާމީންގެ އާއިލާއިން ބުނެފިއެވެ.

އެ އާއިލާއިން މިއަދު ވަނީ ޕީޖީއާ މިއަދު ބައްދަލުކޮށްފައެވެ. ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ބުނީ އިބުތިދާއީ އަޑުއެހުންތަކަށް ފަހު ޝަރީއަތް ފަށައިގެން ކުރިޔަށް ދާއިރު، ޝަރިއަތް ހުޅުވާލުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ޕީޖީ ވިދާޅުވި ކަމަށާއި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިމައްސަލަ ކުރިޔަށްދާ ގޮތުގެ ޕްރެޒެންޓޭޝަނެއް އާއިލާއަށް ދެއްވާނެ ކަމަށް ޕީޖީ ވިދާޅުވި ކަމަށެވެ.

ޔާމީންގެ މަންމަ މަރިޔަމް ޝަފީޤާ ބުނީ އުންމީދަކީ ހުޅުވަލައިގެން ޝަރީއަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.

ޔާމީންގެ ޝަރީއަތުގެ މައްސަލާގައި އާއިލާގެ އިތުރުން މަދަނީ ޖަމިއްޔާތަކުންވެސް ވަނީ ޕީޖީއާ ބައްދަލުކުރަން އެދިފައެވެ. ނަމަވެސް މަދަނީ ޖަމްއިއްޔާތަކާ ފަހުން ބައްދަލުކުރާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ޔާމީންގެ މަރުގެ މައްސަލައިގެ ޝަރީއަތްތައް ސިއްރުކޮށްގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ދައުލަތުގެ ފަރާތުން އެކަމަށް އެދިގެންނެވެ. ޕީޖީއިން މީގެ ކުރިން ބުނީ އެގޮތަށް އެދެނީ މައްސަލައިގެ ބާވަތުން ކަމަށާއި، ހުރިހާ އަޑުއެހުންތައް ސިއްރު ކުރުމަށް ޝަރީއަތުގައި ނޭދެނެ ކަމަށެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ޔާމީން ރަޝީދު މަރާލާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.