02 Sep 2011, 13:49
ދިމިޝްޤު (ސެޕްޓެމްބަރ 1) : މަޤާމުން ދުރުކުރެވިފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް ލީބިޔާގެ ހަނގުރާމަވެރިންނަށް ގޮންޖައްސަވައި ވާހަކަ ދައްކަވައިފިއެވެ. ގައްޒާފީއަށް ތާއީދުކުރާ ސޫރިޔާގެ ޓީވީ ސްޓޭޝަނަކަށް ފޯނުން ދެއްވި ބަޔާނެއްގައި ސައިފުލްއިސްލާމް ވިދާޅުވީ އޭނާގެ ބައްޕަ މުޢައްމަރުލްޤައްޒާފީ ހެޔޮޙާލުގައި ލީބިޔާގައި އެބަހުންނެވި ކަމުގައެވެ.
ލީބިޔާގެ ހަނގުރާމަވެރިންނަށް ފިއްލަވައިގެން އުޅުއްވާ ސައިފް ވިދާޅުވީ އޭނާގެ ބައްޕަގެ ދިފާޢުގައި 20 ހާސް ސިފައިން ހަތިޔާރާއެކު ލީބިޔާގައިޙަރަކާތްތެރިވަމުންދާ ކަމަށާއި ބައްޕައަށް ވަފާތެރި ސިފައިންގެ އެކަކުވެސް ލީބިޔާގެ ހަނގުރާމަވެރިންނަށް އަމާން ނުދޭނެކަމުގައެވެ. ބައްޕަ މުޢައްމަރުލްގައްޒާފީގެ ވެރިކަމާގުޅޭގޮތުން ސައިފް ވިދާޅުވީ ލީބިޔާގެ ޝަރުޢީ ވެރިއަކީ އަދިވެސް ބައްޕަ ކަމަށާއި ބައްޕަގެ ވެރިކަމަށް ބިރެއް ނުރައްކަލެއް ނެތްކަމަށާއި ކުރިއެކޭވެސް އެއްގޮތަށް ބައްޕަގެ ވެރިކަމުގެ ބާރުތައް އަދިވެސް އެބައޮތްކަމުގައެވެ.
އަދި ހަނގުރާމަވެރިންގެ ބާރާމެދު ކަންބޮޑުނުވާ ކަމަށާއި ލީބިޔާގެ ހުރިހާ ކަމަށްވެސް ދަނީ ބައްޕަގެ ވެރިކަން ދެމެހެއްޓޭގޮތަށް ކަމަށާއި ވެރިކަން ދެމެހެއްޓޭނެކަމުގެ ޔަގީންކަން އޮތީ ލީބިޔާ ރައްޔިތުންގެ ތާއީދު ބައްޕައަށް އޮތުމުން ކަމަށް ސައިފް ވިދާޅުވިއެވެ. އަދި ހަނގުރާމަވެރިންގެ ކާމިޔާބަކީ ހުވަފެނެއް ކަމަށާ އެމީހުން ވަރަށް އަވަހަށް ބަލިކުރެވި އެމީހުންގެ މައްޗަށް ނަސްރު ލިބުންވަނީ ވަރަށް ގާތުގައި ކަމަށްވެސް ސައިފް ވިދާޅުވިއެވެ.
ސައިފުގެ ބަޔާނުގައި ނޭޓޯއަކީ ދުނިޔެދުށް އެންމެ ނުވިސްނޭ އަދި ގަބު މީހުން ލީޑްކުރާ ޖަމާޢަތް ކަމަށް ސިފަކުރައްވައި އެޖަމާޢަތަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވިއެވެ. މިގޮތުން ނޭޓޯއަކީ އަފްޣާނިސްތާނުގެ މަގުމަތީގައި ބަޑިގަނޑެއް ހިފައިގެން އުޅޭ ހަނގުރާމަވެރިންގެ މައްޗަށްވެސް ކާމިޔާބު ނުހޯދުނު ޖަމާއަތެއް ކަމަށް ސައިފް ވިދާޅުވިއެވެ. މީގެއިތުރުން ގައްޒާފީގެ ވެރިކަން ވައްޓާލި ލީބިޔާގެ ހަނގުރާމަވެރިންނަކީ މީދާތަކެއް ކަމަށްވެސް ސައިފް ސިފަކުރެއްވިއެވެ.
ލީބިޔާގެ ހަނގުރާމަވެރިންވަނީ ވަރަށް އަވަހަށް ސައިފް ހައްޔަރު ކުރެވޭނެ ކަމަށާއި އޭނާ ފިއްލަވައިގެން ހުންނެވި ތަން ފާހަގަކުރެވިފައިވާކަން ހާމަކޮށްފައެވެ. ސައިފް ހުންނެވި ކަމަށް ހަނގުރާމަވެރިން ބުނަނީ ޓްރިޕޮލީގެ ދެކުނުން 140 ކިލޯމީޓަރުގެ ދުރުގައިވާ ރަށެއްކަމަށްވާ ބަނީ ވަލީދުގައެވެ. އެއީ ގައްޒާފީއަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ ރަށެކެވެ.
ލީބިޔާގެ ހަނގުރާމަވެރިން ޓްރިޕޮލީއަށް އެރުމުން ސައިފްއާއި އޭނާގެ ބައްޕަ މުޢައްމަރުލްޤައްޒާފީއާއި ޢާއިލާވަނީ ފިލާފައެވެ. އެމީހުންގެ ހިލަމެއްވޭތޯ ހަނގުރާމަވެރިން ކުރާ މަސައްކަތް އަދި ކާމިޔާބު ވެފައެއް ނުވެއެވެ. (އަލްޖަޒީރާ)