29 Apr 2018, 15:05
ލިޔުންތަކަށް ކޮފީ އެޅުނު ކަމަށް ބުނެ މައްސަލަ ކުރިއަށް ނުގެންގޮސް އޮތް ސުޕްރީމް ކޯޓުން ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ އަލުން ބަލަން ނިންމައިފި އެވެ.
އެމައްސަލައަކީ 2010 ވަނަ އަހަރު އޮޑިޓް އޮފީހުން ނެރުއްވި އޮޑިޓް ރިޕޯޓަކާ ގުޅިގެން އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރެވުނު މައްސަލަ އެވެ. އެއީ ފަނޑިޔާރު އަލީ ހަމީދުގެ ފޯނުން އެހެން ފޯނުތަކަށް 2000 ރުފިޔާއަށް ވުރެ ގިނައިން ޓްރާންސްފާ ކޮށްފައިވާ ކަމަށް ބުނެ ނެރެފައިވާ އޮޑިޓް ރިޕޯޓުގެ މައްސަލަ އެވެ.
އެމައްސަލައިގެ ލިޔުންތައް ފަނޑިޔާރު އަލީ ހަމީދުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދާ ކްރިމިނަލް ކޯޓުން ހަވާލުކޮށްފައިވާ ކަމަށް ވަކީލު 'ސަން' އަށް ކަށަވަރުކޮށްދިނެވެ.
އެމައްސަލަ ބަލަން ކްރިމިނަލް ކޯޓުން ނިންމާފައި އެވަނީ އެ ދައުވާ ކުރިއަށް ނުގެންދަން ހަމަ އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މީގެ ހަތަރު އަހަރު ކުރިން ނިންމާފައި ވަނިކޮށެވެ.
އެމައްސަލައާ ގުޅިގެން އޭރު ޕީޖީ އޮފީހާ ހަވާލުވެޑައިގެން ހުންނެވީ އޭރުގެ ޑީޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ މައްސަލައިގެ ލިޔުންތަކަށް ކޮފީ އެޅުނު ކަމަށް ކޯޓުން ބުނެފައިވާ ކަމަށެވެ.
އަލީ ހަމީދުގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލައި ޝަރީއަތްތައް ދަނީ ހިނގަމުންނެވެ. އެއީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރު ނެރުނީ ސަރުކާރު ވައްޓާލަން ރިޝްވަތު ހިފައިގެން ކަމަށް ބުނެ ބެލުނު މައްސަލާގަ އެވެ.
އެމައްސަލާގައި އަލީ ހަމީދުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އާއި ސަރުކާރު ހިންގަން ހުރަސް އެޅުމުގެ ދައުވާ އެވެ.