މިސީޒަނަށްފަހު އާސެނަލް ދޫކޮށްލަން އެޓީމުގެ ކޯޗު އާސެން ވެންގާ ނިންމާފައިވާ އިރު، ދެން ކުރިއަށްދާނެ ގޮތެއް ނިންމުމުގެ ކުރިން ބޭނުންވަނީ ސިކުނޑި ހަމަޖައްސާލުމަށް ބްރޭކެއް ކަމަށް އޭނާ ބުނެފިއެވެ.

އާސެނަލްގައި 22 އަހަރު ހޭދަކުރުމަށްފަހު ވެންގާ އެޓީމު ދޫކޮށްލާނެކަން އިއުލާންކުރީ މި މަސް ތެރޭގައެވެ.

"ތެދަށް ބުނާނަމަ އާސެނަލް ދޫކޮށްލުމަށްފަހު ކުރާނެ ކަމެއް އަދި ނޭނގެ. އަހަރެން މިހުރީ ސުވާލުމާކެއްގެ ތެރޭގައި. ބޭނުންވަނީ ފުޓުބޯޅައާ ދުރަށް ޖެހިލަން، ހަތަރު ފަސް ވަރަކަށް ހަފްތާއަށް،" މުސްތަގުބަލާ މެދު ވިސްނަނީ ކިހިނެތްތޯ ވެންގާ ކައިރިން އެހުމުން އޭނާ ބުންޏެވެ.

ވެންގާ ބުނީ ފުޓުބޯޅައިން ބޭރަށް ޖެހިލުމަށްފަހު، ވިސްނާނީ އޭނާއަށް އެންމެ އެކަށީގެންވާ ގޮތަކީ ކޮބައިތޯ ކަމަށާއި، އެހިސާބުން ވަކިގޮތެއް ނިންމާނެ ކަމަށެވެ.

"އާސެނަލާ ނުލައި އެންމެ ދުވަހަކު އުޅެންވެސް އަހަންނަށް ވަރަށް އާ ކަމަކަށް ވާނީ. 22 އަހަރު ހޭދަކޮށް، 1200 އަށްވުރެ ގިނަ މެޗު އާސެނަލްއާއެކު އަހަންނަށް ހުރެވިއްޖެ. މި ދައްކަނީ 50 މެޗެއްގެ ވާހަކައެއް ނޫން. 1200 މެޗުގެ ވާހަކަ. ކޮންމެ މެޗަކަށް ނުކުންނަ އިރުވެސް އަހަންނަށް ހާސްކަން ހުންނާނެ. އާސެނަލަކީ އަހަރެންގެ ދިރިއުޅުން. ދިރިއުޅުމުގެ ބައެއްވެސް ނޫން. ހަމަ ދިރިއުޅުން،" ވެންގާ ބުންޏެވެ.

އާސެނަލްގައި ވެންގާ ހޭދަކުރި ފުރަތަމަ ދުވަސްކޮޅު ގިނަ ކާމިޔާބީތަކެއް ކްލަބުން ހޯދާފައިވެއެވެ. އެގޮތުން 04-2003 ސީޒަނުގެ ލީގު އާސެނަލުން ނެގީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ޕްރިމިއާ ލީގުގެ މި އެރާގައި އާސެނަލަކީ ބަލިނުވެ ލީގު ނެގި ހަމައެކަނި ޓީމެވެ.

އާސެނަލާއެކު ވެންގާ ހޭދަކުރި ރަން ދުވަސްތައް މަޑުޖެހިލީ އެހާ ހިސާބުންނެވެ. އެގޮތުން 2005 ވަނަ އަހަރުގެ އެފްއޭ ކަޕް އުފުލާލި ފަހުން އެޓީމަށް ދެން ތަށްޓެއް ލިބުނީ ނުވަ އަހަރު ފަހުންނެވެ. އަދި 2004 ވަނަ އަހަރަށްފަހު ވެންގާއާއެކު އާސެނަލަށް ލީގުވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިދިޔަ ސީޒަނަކީ ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލުނު ފުރަތަމަ ސީޒަނެވެ. މިސީޒަންގެ ލީގުގެ ހަވަނައިގައި އާސެނަލް އޮތް އިރު، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް އާސެނަލަށް އޮތް އުންމީދަކީ ޔޫރޮޕާ ލީގެވެ. ލީގު ތާވަލުގެ ހަތަރުވަނަ މަގާމު އާސެނަލަށް ހަނިވެފައިވާ އިރު، ޔޫރޮޕާ ލީގުގެ ތަށި ހޯދައިގެން ނޫނީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް އާސެނަލް ކޮލިފައިވުން ދުރެވެ.