29 Apr 2018, 14:32
ގައުމީ ޔުނިވާސިޓީގެ ބިޒިނަސް ފެކަލްޓީގެ ޑީންގެ މަގާމަށް އަބްދުއްރަހުމާން މުބާރިކް އައްޔަނުކުރައްވައިފިއެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ޑީންގެ މަގާމު އަބްދުއްރަހުމާންއާ ހަވާލުކޮށްދެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފްއެވެ.
އަބްދުއްރަހުމާން ވަނީ 2003 އިން ފެށިގެން އެމްއެންޔޫގެ ކުރީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިން އަދި މިހާރުގެ ބިޒްނަސް ސްކޫލާާ ގުޅިގެން ހިދުމަތްކުރައްވަމުންނެވެ. އަދި ޔުނިވާސިޓީގެ އެކި ކޮމެޓީތަކުގައި އެކި ފެކަލްޓީތަކަށް ތަމްސީލުކުރުމަށް އަބްދުއްރަހުމާން މަސައްކަތް ކުރައްވައިފައިވާ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

ގައުމީ ޔުނިވާސިޓީގެ ބިޒިނަސް ފެކަލްޓީގެ ޑީން ކަމަށް އަބްދުއްރަހުމާން މުބާރިކުް އައްޔަނުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހުމާން ވިދާޅުވީ އެމްއެންޔޫގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އަދި ބިޒްނަސް ފެކަލްޓީގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މިއަދު ބިޒްނަސް ސްކޫލު ވެފައި މިވަނީ އަމިއްލަ ގިނަ ތަންތަނާ ވާދަކުރާ ތަނަކަށް. އެހެންކަމުން ހުރި ގޮންޖެހުންތައް ވަރަށް ގިނަ. ކުރަންވެފައި ހުރި ކަންތައްތައް އެހާމެ ގިނަ. ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމާ، ދިރާސާއަށް އިސްކަންދިނުމާ ތަނުގެ ހިންގުން ހަރުދަނާކުރުމާއި ނަން ހިންގާ ތަނަކަށް ބިޒްނަސް ސުކޫލު ވާން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުުކުރަން. އެކަމާ ގުޅޭ ވިސްނުންތަކެއް އަޅުގަނޑު އެބަ ގެންގުޅެން. މިމަގާމާއެކު އިތުރުކަންތަކެއް އިރާދަކުރެއްވިއްޔާ ކުރެވިގެންދާނެ." އަބްދުއްރަހުމާން ވިދާޅުވިއެވެ.
ގައުމީ ޔުނިވާސިޓީގެ މިސްރާބު ދަނީ ރަނގަޅަށް ކަމަށާއި އަދި ކަންކަން ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް އަބްދުއްރަހުމާން ވިދާޅުވިއެވެ. އަދި ވިދާޅުވީ އާ ހިޔާލުތަކާއި އަދި އާ ކަންތައްތައް ތައާރަފްކުރުމަށް ޔުނިވާސިޓީގެ މުވައްޒިފުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.