އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢްމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ކުޑަކުދިން ހައްޔަރުކޮށް އެކުދިންގެ ކިބައިން އިޢްތިރާފްތައް ހޯދުމަށް އިސްރާއީލުގެ ޢަސްކަރީ މުޙައްޤިޤުން ބޭނުންކުރާ އަނިޔާވެރި ވަޙްޝީ ގޮތްތައް ހާމަކޮށްދޭ 6 ގަޑީއިރު ވީޑިޔޯއަކާބެހޭ މަޢްލޫމާތު އިނގިރޭސިވިލާތުގައި ނުކުންނަ ދި އިންޑިޕެންޑެންޓް ނޫހުގައި މިދިޔަ ހަފްތާގައި ޝާއިޢުކޮށްފައިވެއެވެ.

އެނޫހުގައިވާ ގޮތުން 6 ގަޑީއިރުގެ މި ވީޑިޔޯއިން ފެންނަނީ ފަލަސްތީނުގެ ކުޑަކުއްޖެއް ކަމަށް ވާ އުމުރުން 14 އަހަރުގެ އިސްލާމް އައްތަމީމީ ނިދިން މަޙްރޫމް ކުރުމަށް އިސްރާއީލުގެ މުހައްޤިޤުން ހިންގާ ލާއިންސާނީ ޢަމަލުތަކެއްގެ މަންޒަރުތަކެވެ. މިކުޑަކުއްޖާ އެއްދުވަސް ވަންދެން ނިދިން މަޙްރޫމް ކުރަނީ އޭނާގެ ކިބައިން އިސްރާއީލު ބޭނުންވާ އިޢްތިރާފްތަކެއް ހޯދުމަށްޓަކައި އޭނާއަށް އަނިޔާކުރުމުގެ ގޮތުންނެވެ.

އެއްދުވަސް ވަންދެން ނުނިދައިހުރުމުން ނިދިގެން އެކުއްޖާ ވެއްޓުމުން އިސްރާއީލުގެ މުހައްޤިޤުން އެކުއްޖާގެ މޫނުގައި އެތިފަހަރެއް އަޅައެވެ. އަދި ލޯހުޅުވުމަށާއި ނުނިދުމަށާއި ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް އެކުއްޖާއަށް މަޖްބޫރު ކުރެއެވެ. ރައްދުގައި ނިދައި އަރާމު ކުރުމުގެ ފުރްސަތެއް ދިނުމަށްއެދި އެކުއްޖާ އާދޭސް ކުރެއެވެ. އެއަށްފަހު އެކުއްޖާ ނިދިގެން ވެއްޓޭމަންޒަރު ވީޑިޔޯއިން ފެނެއެވެ.

ނަމަވެސް އެންމެފަހުން އިސްރާއީލުގެ ޢަސްކަރީ މުޙައްޤިޤުން އެދޭކަންކަމަށް އެކުއްޖާ އިޢްތިރާފްވެ އެކަމާބެހޭ ލިޔުންތަކުގައި އެކުއްޖާ ސޮއިކުރެއެވެ. މިލިޔުންތަކާއެކު އެކުއްޖާ ޖަލުގެ ކުޑަގޮޅިއަށް ލައި ބަންދުކުރުމުގެ ފުރްސަތު އިސްރާއީލުގެ ޢަސްކަރީ ކޯޓުތަކުން އިސްތިޢްމާރީ ސިފައިންނަށް ލިބިދެއެވެ.

މިއީ އިސްރާއީލުގެ އަޅުވެތި ކަމާދެކޮޅަށް ބަދަލުހިފުމުގެ ގޮތުން އިސްރާއީލުގެ އިސްތިޢްމާރީ ސިފައިންނާ ދެކޮޅަށް އޮއްގާއުކާ ފަލަސްތީނުގެ އެތަށް ހާސް ކުޑަކުދިންނާ ކޮންމެ ދުވަހަކު ކުރިމަތިވާ އަނިޔާތަކުގެ ތެރެއިން އަނިޔާއެއްގެ މިސާލެކެވެ.

އިސްރާއީލުވަނީ ފަލަސްތީނުގެ ހުރިހާ ބިންތަކެއް ހިފައި ރައްޔިތުން އަޅުވެތިކޮށް ފަލަސްތީނުގެ ބިމުގައިވާ ފެނާއި ޤުދްރަތީ މުއްސަނދިކަމާއި އެނޫންވެސް ހުރިހާ އެއްޗެއް ހަތިޔާރުގެ ބޭނުންކޮށްގެންނާއި ކަނޑިއާއި ބަޑީގެ ބާރުގައި ޔަހޫދީ ޒަޔަނިސްޓުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. އެންމެ ކުޑަވެގެން ފަލަސްތީނުގެ ބިމުގައިވާ ފެނުގެ ވަސީލަތްތައްވެސްވަނީ އިސްރާއީލުގެ ޒަޔަނިސްޓުން އަތްދަށުލާފައެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ހުޅަނގުގެ ޖަމާއަތެއް ކަމަށްވާ "ނިއުލީގަލް ބައުންޑަރީސް" ގެ އެކްޓިވިސްޓެއް ކަމަށްވާ ނައޯމީ ލާލޫ، ދި އިންޑިޕެންޑެންޓް ނޫހަށް ކިޔައިދިން ގޮތުގައި ފަލަސްތީނުގެ އުމުރުން 14 އަހަރުގެ ކުއްޖާ އިސްލާމް އައްތަމީމީ ނިދިން މަޙްރޫމް ކުރުމަށް އިސްރާއީލުގެ މުހައްޤިޤުން ހިންގި ކަމަށް މަތީގައި ބަޔާންކުރެވުނު ވީޑިޔޯއިން ފެނުނުފަދަ ލާއިންސާނީ އަދި ވަޙްޝީ އަނިޔާތަކަކީ އިސްރާއީލުގެ ޢަސްކަރީ މުޙައްޤިޤުންގެ އަތްދަށުން ފަލަސްތީނުގެ ގިނަކުޑަކުދިން ނަށް އޭގެ ރަހަ ލިބިފައިވާ އަނިޔާތަކެކެވެ.

މިފަދަ އެހެން މިސާލެއް ބަޔާންކޮށްދިނުމަށްޓަކައި ފަލަސްތީނުގެ އެހެން ކުޑަ ކުއްޖެއްގެ ވާހަކަ ނައޯމީ ދި އިންޑިޕެންޑެންޓް ނޫހަކަށް ކިޔާދީފައިވެއެވެ. ސަމީރު ނަމަކަށްކިޔާ ފަލަސްތީނުގެ ކުޑަކުއްޖަކު ދަންވަރު ގަދަ ނިދީގައި އޮއްވާ އިސްރާއީލު ސިފައިންގެ ބަޔަކު ދަންވަރު އޭނާގެ ގެއަށްއައިސް އޭނާގެ މައިންބަފައިންނަށް ބަޑިން ބިރުދެއްކުމަށްފަހު ގަދަކަމުން ނިދިން ހޭލައްވައި ނެގުމަށްފަހު މައިންބަފައިންގެ އަތުން ޖަހައިގަނެގެން ރޭގަނޑު ދަންވަރު ތަޙްޤީޤްކުރާ މަރުކަޒަކަށް ސަމީރު ގެންދެއެވެ.

އަދި އިސްރާއީލުގެ އިސްތިޢްމާރީ ސިފައިންނާ ދެކޮޅަށް ސަމީރު އޮއްގާ އުކަނިކޮށް ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް އޭނާއަށް ދައްކައި އެއީ އޭނާތޯ ސަމީރާ ސުވާލުކުރެއެވެ. އެއީ އޭނާ ނޫންކަމަށް ބުނުމުން އެއީ ކޮންކުއްޖެއްތޯއާއި އެކުއްޖާގެ ގެއަކީ ނުވަތަ އުޅޭތަނަކީ ކޮބައިތޯ އިސްރާއީލުގެ ޢަސްކަރީ މުޙައްޤިޤުން އަހައެވެ. އަދި އަނިޔާކޮށްގެންނާއި ބިރުދައްކައިގެން ސަމީރުގެ ކިބައިން އިސްރާއީލު ބޭނުންވާ އިޢްތިރާފްތައް ހޯދައި އަދި އެއިޢްތިރާފްތަކުގައި ސަމީރު ލައްވައި ގަދަބާރުން ސޮއިކުރުވުމަށްފަހު އެންމެފަހުން އޭނާ ދޫކޮށްލައެވެ.

ސަމީރަކީ ފަލަސްތީނުގެ އެހެން ކުދިންނަށްވުރެ ނަސީބު ރަނގަނޅު ކުއްޖެކެވެ. އެއީ ބިރުދައްކައިގެން އިޢްތިރާފްތައް ހޯދުމަށްފަހު ވަގުތީ ގޮތުންނަމަވެސް މިނިވަން ވެގެން ގެއަށް އެނބުރި އައުމުގެ ފުރްސަތު އޭނާއަށް ލިބުމުންނެވެ. މިނިވަންވުމަށްފަހު ސަމީރު ބުނެފައިވަނީ އޭނާ ބޭނުންވި އިޢްތިރާފްތައް ލިޔެ އޭގައި ސޮއިކުރީ އިސްރާއީލު ސިފައިން އޭނާ މަރާލާނެ ކަމަށްބުނެ އުސްޢިމާރާތެއްގެ ކުޑަދޮރުން އެއްލާލާނެ ކަމުގެ ބިރު ދެއްކުމުންނެވެ.

ފަލަސްތީނުގެ ގިނަ ކުޑަކުދިންނަކީ ބިރުދައްކައިގެން އިސްރާއީލު ސިފައިން އެކުދިން އަތުން ހޯދާ މިފަދަ އިއްތިރާފްތަކާ ގުޅިގެން ޤާނޫނީ ގޮޅިއަށް ފެތި އެންމެފަހުން އެތަށް އަހަރަކަށް ޖަލަށް ލުމުގެ ޙުކުމްތައް އިސްރާއީލުގެ ޢަސްކަރީ ކޯޓުތަކުން އެކުދިންނާ ދެކޮޅަށް ކުރާ ކުދިންނެވެ. ނަތީޖާއަކީ ޅައުމުރުގެ ތަޢްލީމީ ފުރްސަތު ގެއްލި އިސްރާއީލުގެ ޖަލުތަކުގައި ޅަފަތުގެ ދުވަސްތައް ހޭދަކުރާން ޖެހުމެވެ.

އަމިއްލަ ބިންތައް ހިފައިގެންއުޅޭ އިސްތިއްމާރީ ބާރަކާ ދެކޮޅަށް ތެދުވުމަކީ އެހެން ޤައުމުތަކުގެ ރައްޔިތުންނެކޭ އެއްގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށްވެސް ލިބިގެންވާ ޙައްޤެކެވެ. އޮއްގާ އުކިނަމަވެސް އޮއްގާ އުކަންޖެހެނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފާފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. އިސްތިޢްމާރާ ދެކޮޅަށް ރެސިސްޓް ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގައިވެސް ލިބިދީފައިވާ ހައްޤެކެވެ.

އުމުރުން 17 އަހަރު ނުފުރޭ ފަލަސްތީނުގެ 7 ހާސް ކުޑަކުދިން ދިގުމުއްދަތު ތަކަށް ހުކުމްކޮށްފައި އިސްރާއީލުގެ ޖަލުތަކުގައި އެބަތިއްބެވެ. މީގެތެރެއިން 87 % ކުދިންނަކީ ޖަލުތަކުގައި އިސްރާއީލު ސިފައިންގެ އަތްދަށުން ޖިސްމާނީ ނަފްސާނީ އަދި ޖިންސީ ބޮޑެތި އަނިޔާތައް ތަހައްމަލްކުރާ ކުދިންކަމަށް އިންސާނީ ހަޢްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.

މީގެތެރެއިން 91 % ކުދިންނާ ސުވާލުކުރަނީ އެކުދިންގެ ލޯމަތީގައި ކަނުބަދެގެން ކަމަށާއި 62% ކުދިން ހައްޔަރު ކޮށްފައިވަނީ ރޭގަނޑު ދަންވަރުގެ ގަޑިތަކުގައި އިސްރާއީލުގެ އިސްތިޢްމާރީ ސިފައިން ފަލަސްތީނުގެ ގެތަކަށް އަރައިގަނެގެން ކަމަށްވެސް ރިޕޯޓްތަކާ ހަވާލާދީ ދި އިންޑިޕެންޑެންޓް ނޫސް ބުނެއެވެ. (ދި އިންޑިޕެންޑެންޓް)