އިދިކޮޅު އެއްވެސް މެމްބަރަކު މަޖިލީހުގެ މި ދައުރުގެ ޖަލްސާއެއްގައި ބައިވެރިނުވެ ދައުރު ނިންމާލައިފި އެވެ.

މިއަހަރުގެ ފުރަތަމަ ދައުރު މަޖިލީހުން ޖުމްލަ 11 ޖަލްސާއެއް ބާއްވާފައިވާ އިރު އެއްވެސް ޖަލްސާއެއްގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވެފައެއް ނުވެ އެވެ.

ސަބަބެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ޖަލްސާތައް ކުރިއަށް ގެންދާތީ އެވެ. ޖަލްސާތަކުގައި ބައިވެރި ނުވި ނަމަވެސް ކޮމިޓީތަކުގައި އިދިކޮޅު މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.

ކޮމިޓީތަކުގައި ބައިވެރި ނުވާ ނަމަ ކޮމިޓީ އެލަވަންސްގެ ގޮތުގައި މެމްބަރުންނަށް ލިބޭ 20،000 ރުފިޔާ ނުލިބޭނެ އެވެ.

އެކަށީގެންވާ އުޒުރެއް ނެތި މެމްބަރުން ޖަލްސާތަކަށް ނުދާ މައްސަލަ ސުޕްރީމް ކޯޓުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ރަނގަޅު ކަމަށް ބުނެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި މެމްބަރުން މަޖިލީހަށް ހާޒިރުވެފައި ނުވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުވެ މެމްބަރުން ކޮމިޓީތަކުގައި ބައިވެރިވިކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މިދައުރު މަޖިލީހުން ފާސްކޮށްފައި ވަނީ ދެ ބިލެކެވެ. އެއީ މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓޭ ގޮތަށް ފާސްކުރި އެންޑި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ މައްޗަށް ކުށެއް ސާބިތުވުމުން މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

އޭގެ އިތުރުން މަޖިލީހުން ވަނީ އެއް ގަރާރު ފާސްކޮށްފަ އެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ނެރުއްވި ގަރާރެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ މި އަހުގެ ދެވަނަ ދައުރު ފަށާނީ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.