ޕެރިސް (އޮގަސްޓް 2) : ލީބިޔާއަށް އެހީތެރިވުމުގެ ގޮތުން ޕެރިހުގައި ބޭއްވި ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވި ޤައުމުތަކުން އެޤައުމުތަކުގައިވާ ލީބިޔާގެ ފައިސާގެ ތެރެއިން 15 ބިލިޔަން އެމެރިކާ ޑޮލަރު ލީބިޔާގައި ވަގުތީ ގޮތުން ވެރިކަންކުރާ އިންތިޤާލީ މަޖިލީހާ ޙަވާލުކުރުމަށް ނިންމައިފިއެވެ.

އެމެރިކާ، ޔޫރަޕް އަދި އެފްރިކާއާއި އޭޝިޔާއާއި ޢަރަބި ޤައުމުތަކުން ޖުމްލަ 63 ޤައުމު ބައިވެރިވި މިމަހާސިންތާގައި ލީބިޔާގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި ފަންނީ ގޮތުންނާއި ތަޖްރިބާގެ ގޮތުން ލީބިޔާއަށް އެހީތެރިވުމަށް ނިންމާފައިވެއެވެ. އަދި ލީބިޔާއާ މިހާތަނަށް ގުޅުންތައް އުފައްދާފައިނުވާ ޤައުމުތަކުން ގުޅުންތައް އުފެއްދުމަށާއި އެޤައުމުތަކުގެ އެންބަސީތައް ޓްރިޕޮލީގައި ހުޅުވުމަށްވެސް އެއްބަސްވެފައިވެއެވެ.

ދުނިޔޭގެ އެކިޤައުމުތަކުގައި ލީބިޔާގެ 175 ބިލިޔަން އެމެރިކާ ޑޮލަރު ހިފަހައްޓާފައިވެއެވެ. މިފައިސާ ހިފަހައްޓާފައިވަނީ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަމުގެ ފަހުދުވަސްތަކުގައި އޭނާގެ ސަރުކާރާ ދެކޮޅަށް އދ. ން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުންނެވެ. ގައްޒާފީގެ ވެރިކަން ވެއްޓުނު ނަމަވެސް މިފިޔަވަޅުތައް އުވާލުމުގެ ޤާރާރެއް ސަލާމަތީ މަޖިލީހުން އަދި ފާސްކޮށްފައެއްނުވެއެވެ.

އެއްދުވަހުގެ މިމަހާސިންތާގައި އެމެރިކާ، ޔޫރަޕް އަދި އެފްރިކާއާއި އޭޝިޔާއާއި ޢަރަބި ޤައުމުތަކުގެ ތެރޭން ގިނަޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. ލީބިޔާގެ ރަޙްމަތްތެރިން އައު ލީބިޔާއަށް އެހީވުމުގެ ނަމުގައި މިމަހާސިންތާ ބޭއްވީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައެވެ. މިމަހާސިންތާ އިފްތިތާޙް ކޮށްދެއްވީ ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ އެވެ.

ސަރކޯޒީގެ އިތުރުން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާއި ޔޫރަޕްގެ ބައެއް ޤައުމުތަކާއި ޢަރަބި ބައެއް ޤައުމުތަކުގެ ރަސްރަސްކަލުންނާއި އަމީރުންނާއި ބޮޑުވަޒީރުންނާއި އެފްރިކާގެ ބައެއް ޤައުމުތަކުގެ ރައީސުންނާއި އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންވެސް މި މަހާސިންތާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. (ރޮއިޓާސް)