29 Apr 2018, 12:18
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަން ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް ކަނބަލުންނާއި ޓީމު ފިސާރި އެފްސީން ކާމިޔާބުކޮށްފިއެވެ.
ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
އަންހެން ޑިވިޝަންގެ ގްރޫޕް ޑީގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ކަނބަލުންނާއި އެން3 ކަނބަލުން ވާދަކުރި މެޗު ކަނބަލުން ކާމިޔާބުކުރީ 5-1ގެ ނަތީޖާއަކުންނެވެ.
މެޗުގައި ކަނބަލުންގެ ފާތިމަތު ރުޚުޝާނާއާއި ސުހާ އަބްދުލްރަހީމް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހައިފައެވެ. އެ ޓީމުގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ މަރިޔަމް ސުހާނާއެވެ.
މެޗުގައި އެން3 ކަނބަލުން ޓީމުން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މަރިޔަމް ފަރުޒާނާއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނބަލުންނަށް ދެ ގޯލް ޖަހައިދިން ފާތިމަތު ރުޚުޝާނާއެވެ.
ރޭ ކުޅުނު ގްރޫޕް ޑީގެ ދެވަނަ މެޗުގައި އެން2 ކަނބަލުންގެ މައްޗަށް ޓީމު ފިސާރި އެފްސީން ކުރި ހޯދީ 3-2ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފިސާރި އެފްސީގެ ދެ ގޯލް ޖަހައިދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝާފިޔާ އަހުމަދެވެ. އެޓީމުގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ ޝިޔާމާ ހަސަނެވެ.

ފިސާރި އެފްސީއާއި އެން2 ކަނބަލުން ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޝާފިޔާ އަހުމަދު ---
އެން2 ކަނގަބަލުންގެ ދެ ގޯލް ކާމިޔާބުކޮށްދިނީ ހައްވާ ޝަރީފާއި އައިމިނަތު ނިއުމާއެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.
މުބާރާތުގެ އަންހެން ޑިވިޝަން މެޗެއް ދެން އޮންނާނީ މާދަމާ ރޭގައެވެ. އެ ރޭ ކުޅެވޭނީ ގްރޫޕް އޭގެ ދެ މެޗެވެ.
މާދަމާ ރޭ އޮންނަ އަންހެން ޑިވިޝަންގެ މެޗުތައް:
20:00 ދިވެހި ސިފައިންގެ ކްލަބު - އެފްސީ ރަނިން
21:00 ޒެނިތު ސްޕޯޓްސް ކްލަބު - ޕްރިޒަން ކްލަބު