29 Apr 2018, 11:15
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްވަންސީ ސިޓީއާއި ޗެލްސީ ވާދަކުރި މެޗު ޗެލްސީން ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗުން މޮޅުވުމާއެކު ޗެލްސީ ވަނީ ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްއާ ދެ ޕޮއިންޓް ގާތަށް ޖެހިލައިފައެވެ. އެހެން ނަމަވެސް އެއީ ޓޮޓެންހަމް އަށްވުރެ މެޗެއް އިތުރަށް ކުޅެގެންނެވެ.
ލީގުގައި ޗެލްސީއަށް ބާކީ ދެން އޮތީ ތިން މެޗެވެ. ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް ޗެލްސީއަށް އަމިއްލަ ބާރު ވަނީ ގެއްލިފައެވެ.
ރޭގެ މެޗުން ބަލިވި ސުވަންސީ އޮތީ 35 މެޗުން 33 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ. 17 ވަނައިގައި އޮތް ސައުތުހެމްޓަން އަށްވުރެ ޕޮއިންޓެއް ކުރީގައެވެ.
ސްވަންސީގެ ދަނޑުގައި ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަތަރު ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގައިދިނީ ސެސްކް ފެބްރިގާސްއެވެ. އެ ގޯލަކީ ފެބްރިގާސް އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި 50 ވަނަ ގޯލެވެ. ފެބްރިގާސްގެ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޑިން ހަޒާޑެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީން ވަނީ އިތުރު ފުރުސަތުތަކެއްވެސް ތަނަވަސް ކޮށްފައެވެ. އެގޮތުން ހަޒާޑާއި އޮލިވިއާ ޖިރޫއަށްވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
ދެވަނަ ހާފުގައި ޗެލްސީން ފެނުނީ ފުރަތަމަ ހާފަށްވުރެ ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުތަނެވެ. ނަތީޖާއެއްގެ ގޮތުން ސުވަންސީން ވަނީ ކުރިއަށް ޖެހި ހަމަލާތައް އުފައްދައިފައެވެ. އެހެން ނަމަވެސް އެންމެ އެދެވޭ ގޮތުގައި އެޓީމަށް ހަމަލާތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ސްޓޯކް ސިޓީ ވާދަކުރި މެޗު އެއްވަރުވީ 0-0ގެ ނަތީޖާއަކުންނެވެ. ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ވާދަކުރާ މެޗު މިރޭ އޮންނާނެއެވެ.