29 Apr 2018, 10:39
ދިވެހި ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 259 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
އެ ބޭންކުން އާންމުކޮށްފައިވާ އަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން ބޭންކުގެ ހިންގުމުން ލިބުނު ފައިދާ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11 ޕަސެންޓް އިތުރު ވެފަ އެވެ.
އަލަށް ބޭނުންކުރަން ފަށާފައިވާ އެކައުންޓިންގް ސްޓޭންޑަޑް، އައިއެފްއާރުއެސް9ގެ ދަށުން ލޯން ޕްރޮވިޝަންގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރު އިތުރުވެފައިވީ ނަމަވެސް ފުރަތަމަ ކުއާޓަރުގެ ހިސާބުތަކަށް ބަލާލާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ބޭންކަށް ލިބުނު ފައިދާ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު ވަނީ ތިން ޕަސެންޓް އިތުރުވެފަ އެވެ.
އެއް މިންގަނޑަކުން އަޅާބަލާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ބޭންކަށް ލިބުނު ފައިދާ 13 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި، ލޯނު ދޫކުރެވުނު ނިސްބަތް ވެސް އިތުރުވެ، އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް 2017 ވަނަ އަހަރު ނިމުނު އިރު ހުރި ނިސްބަތަށް ވުރެ ދަށްކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.
ބީއެމްއެލް އިން މި އަހަރު ވެސް ދަނީ މުޖުތައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމް ކުރިއަށް ގެންދަމުންނެވެ. މިދިޔަ ފެބްރުވަރީ މަހު އެކަނިވެސް' އަހަރެންގެ ބޭންކް' ގެ ދަށުން 28 ހަރަކާތްތަކެއް ވަނީ ހިންގާފައިވާނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު މި ހަރާކަތްތައް މެދުވެރިކޮށް ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ދާއިރާގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބޭންކުން ނެރުނު ބަޔާނެއްގައި ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ކާމިޔާބުކަމާ އެކު މި އަހަރު ފެށުނީތީވެ ހިތްހަމަޖެހޭ ކަމަށާއި ނިމުނު ކުއާޓާ އަކީ ގިނަ މަސައްކަތްތަކެއް ކުރެވުނު
ކުއާޓާއެއް ކަމަށެވެ. އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މި ބާރު މިނުގައި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރައްވާނެ ކަމަށް ހީލީ ވިދާޅުވި އެވެ.
"މިދިޔަ ކުއާޓަރ އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކުއާޓަރުއެއް ނަމަވެސް އަޅުގަނޑުމެންގެ މުވަައްޒަފުން ވަނީ ފާހަގަކޮށްލެވޭ ފަދަ ހީވާގި މަސައްކަތްތަކެއް ކޮށްފައި. ޚާއްސަކޮށް، އަޅުގަނޑުމެން ޚިދުމަތްދޭ މުޖުތަމައުތަކާ އޮތް ގާތްކަން އިތުރުކޮށް މުޖުތަމައުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރުމަށް ފެބްރުއަރީ މަހު ހިންގުނު 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ތަފާތު 28 ހަރަކާތް ފާހަގަކޮށްލެވޭ." ހީލީ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސަރވިސް ބޭންކިންގް ސެންޓަރު، 95 އޭޓީއެމް، 5000 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ޚިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން ބުނެ އެވެ.