ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓެއް ކަމަށާއި އެ ކެންޑިޑޭޓް ކަނޑައަޅާނީ ވަކި ޕާޓީތަކުން ބާއްވާ ޕްރައިމެރީއަށް ފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވަވާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ނަޝީދު މިހާރު ހުންނެވީ ސްރީލަންކާގަ އެވެ. ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީީގެ ޕްރައިމެރީގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށެވެ.

"ޕްރައިމެރީގައި އަޅުގަނޑުގެ ކެމްޕޭން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަސްލަމް" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް އެއް ކެންޑިޑޭޓުގެ މަޝްވަރާއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކަނޑައަޅާފައިވާ ކޮމިޓީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަދި އިންތިހާބާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުގައި މިހާރު އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު އިބޫ ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީނާއެކު އެބޭފުޅުން އިންތިހާބަކަށް ނުދާނެ ކަމަށެވެ.

އިދިކޮޅުން ނެރޭނީ އެއް ކެންޑިޑޭޓެއް ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ފޯމިއުލާއަކުން ކަމެއްވެސް އިބޫ ވިދާޅެއް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓެއް ނެރޭ ވާހަކަ ދެއްކި ނަމަވެސް މިހާތަނަށް އެކަމާ ގުޅިގެން އެކުލަވާލި ކޮމިޓީން މަޝްވަރާ ކުރިއަށް ނުގެންދާކަން ވަނީ އެނގިފަ އެވެ.

އިދިކޮޅު ފަރާތްތަކުން ކެންޑީޑޭޓެއް ނުދައްކާތީ އެކަމާ ޕީޕީއެމްގެ ބައެއް މެމްބަރުންވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ތ ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ "އިދިކޮޅުން އުޅެނީ ނެރޭނެ ކެންޑިޑޭޓެއްވެސް ނުފެނިގެން" ކަމަށެވެ.