ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި 76.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ރާއްޖޭގައި އޮޕަރޭޓުކުރި ބައިނަލްއަގުވާމީ އެއާލައިން މެގަ މޯލްޑިވްސްއާ ދެކޮޅަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މިރާ)އިން ދައުވާކޮށްފި އެވެ.

މެގަ މޯލްޑިވްސްއަކީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވެ، ބަނގުރޫޓުވުމުގެ ސަބަބުން އުވާލަން ނިންމާފައިވާ ކުންފުންޏެކެވެ.

މީރާއިން މިދިޔަ ހަފްތާގައި މެގަ މޯލްޑިވްސްއާ ދެކޮޅަށް ވަނީ ދެ މައްސަލައެއް ސިވިލް ކޯޓަށް ވައްދައިފަ އެވެ. އެއީ ވިތުހޯލްޑިންގް ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި 63،798،446 ރުފިޔާ އާއި ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް އަދި ފީ (އެއާޕޯޓު ޓެކްސް އެންޑް ފީ)އާއި އޭގެ ޖޫރިމަނާގެ ގޮތުގައި 851،202 ޑޮލަރާއި 2،800 ރުފިޔާ ހޯދުމަށެވެ.

އެއީ ޖުމްލަކޮށް ބަލާ ނަމަ 76،926،780.84 ރުފިޔާ އެވެ.

މީރާ އިން ސިވިލް ކޯޓަށް ވަކިވަކިން ހުށަހެޅި ދެ މައްސަލަ ވެސް ވަނީ އެ ކޯޓުން ބަލައިގެންފަ އެވެ.

މެގަ މޯލްޑިވްސް ލިކުއިޑޭޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ އިރު، އެކުންފުނީގެ 33 މުވައްޒަފެއްގެ މުސާރައިން އުނިކުރި ފައިސާ ދިނުމަށް މެގަ މޯލްޑިވްސްގެ މައްޗަށް ވަނީ މިދިޔަ ހަފްތާ ތެރޭގައި ސިވިލް ކޯޓުން ހުކުމް ކޮށްފަ އެވެ.

އެގޮތުން، 33 މުވައްޒަފުންގެ މުސާރައިން އުނިކުރި ޖުމްލަ 62،930.58 ޑޮލަރު (970،389.54 ރުފިޔާ) ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.