ރާއްޖޭގައި މިއޮތީ މޯލްޑިވިއަން އައިޑަލްގެ ފޯރިއެވެ. މި ފްރެންޒައިޒް ރިއަލިޓީ ޝޯގެ އިންޑިއަން ވާޝަން އިންޑިއަން އައިޑަލްގެ ނުވަ ސީޒަން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު މިހާރު ތައްޔާރުވަމުންދަނީ 10 ވަނަ ސީޒަން އަށެވެ.

އިންޑިއަން އައިޑަލްގެ 10 ވަނަ ސީޒަންގައި ޖަޖުންގެ ޕެނަލުން ފެންނާނީ އަނޫ މާލިކް އާއި ވިޝާލް ދަދްލާނީ އަދި ނޭހާ ކައްކަރް އެވެ. ނޭހާ އަކީ އިންޑިއަން އައިޑަލްގެ ދެވަނަ ސީޒަނުން ފާހަގަވި ތަރިއެކެވެ. އޭނާ އަންނަނީ ބޮލީވުޑް ފިލްމުތަކަށް ވެސް ލަވަ ކިޔަމުންނެވެ. ވިޝާލް ވަނީ އިންޑިއަން އައިޑަލް ޖޫނިއާގެ ޖަޖުކަން ވެސް ކޮށްފަ އެވެ.

ނޭހާ ބުނީ އޭނާގެ ކެރިއަރު ފެށީ ވެސް އައިޑަލްގެ ސްޓޭޖުން ކަމަށާއި ހަމަ އެ ޕްލެޓްފޯމުގައި ޖަޖުކަން ކުރަން ލިބުމަކީ ފަހުރެއް ކަމަށެވެ. އަދި އެއީ ރަނގަޅު އެކްސްޕީރިއަންސް އަކަށް ވާނެކަމަށް ނޭހާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ޖަޖުންގެ ޕެނަލް އިން ފެނުނީ ސޯނޫ ނިގަމް، ފަރާ ޚާން އަދި އަނޫމާލިކް އެވެ. މިއީ ފުރަތަމަ ސީޒަންގައި ވެސް ޖަޖުކަން ކުރި ފަންނާނުންނެވެ.

އިންޑިއަން އައިޑަލްގެ 10 ވަނަ ސީޒަންގެ އޮޑިޝަންތައް އަންނަ މަހުގެ 1ގައި ފަށާނެ އެވެ. މުމްބާއީ، ލަކްނައު، ދިއްލީ، ހައިދްރައާބާދު އަދި އިންދޯރުގައި އޮޑިޝަންތައް ކުރިއަށް ގެންދާނެ އެވެ.

ސޮނީ އެންޓަޓެއިންމެންޓް އިން ގެނެސްދޭ މި ޝޯގެ ފުރަތަމަ ސީޒަން ދައްކާފައި ވަނީ 2004 ގަ އެވެ. ފުރަތަމަ އިންޑިއަން އައިޑަލް އަކީ އަބީޖީތު ސާވަންތް އެވެ.