ސިޑްނީ – އޮސްޓްރޭލިއާގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު މުރަކަ ފަރުގެ ނިޒާމު، ގްރޭޓް ބެރިއާ ރީފް ހިމާޔަތްކުރަން އެގައުމުގެ ސަރުކާރުން 379 މިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް އެކުލަވާލައިފިއެވެ.

އެ ފަންޑުން ބޮޑަށް ހަރަދު ކުރަން ހަމަޖެހިފައިވަނީ، މުރަކަ ފަރު އޮންނަ ސަރަހައްދުގެ ފެނުގެ ކޮލެޓީ އިއާދަކޮށް، މުރަކަތަކަށް ހަމަލާދޭ ކަށިބޯ ނުވަތަ ކްރައުން އޮފް ތޯންސް ސްޓާފިޝްއިން ފަރު ހިމާޔަތް ކުރުމަށެވެ.

ގާތްގަނޑަކަށް 348،000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ދެމިފައި އޮންނަ ގްރޭޓް ބެރިއާ ރީފްއަކީ ދުނިޔޭގައި އޮތް އެންމެ ހިތްގައިމު މުރަކަ ފަރުގެ ގޮތުގައި ފާހަގަކުރެވި، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި 1981 ވަނަ އަހަރުން ފެށިގެން ހިމަނާފައިވާ ތަނެކެވެ.

އަދި ސީއެންއެންއިން ވަނީ ދުނިޔޭގެ ގުދުރަތީ ހަތް އަޖައިބުގެ ތެރޭގައި އެތަން ހިމަނައިފައެވެ.

އެތަނަށް ލިބެމުންދިޔަ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެތަނަކީ ނުރައްކަލެއްގެ ތެރޭގައިވާ ތަނެއްގެ ގޮތުގައި ހިމެނުމަށް ޔުނެސްކޯއިން މިދިޔަ އަހަރުގެ ތެރޭގައި މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޮސްޓްރޭލިއާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބޭނެ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނުމުން، އެކަން ފާސްކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި، މުރަކަތަކަށް ގެއްލުންދޭ ކަށިބޯ ގިނަ އަދަދަކަށް އާލާވުމާ ގުޅިގެން ގްރޭޓް ބެރިއާ ރީފްއަށް ވަނީ ބޮޑު ގެއްލުންތަކެއް ވެފައެވެ.

އެތަން ހިމާޔަތްކުރުމަށް އެކުލަވާލި ފަންޑާ ގުޅޭގޮތުން އޮސްޓްރޭލިއާގެ އެނާޖީ މިނިސްޓަރު ޖޯޝް ފްރައިޑެންބާގު ވިދާޅުވީ، އެ ފަންޑުގެ ބައެއް ހަރަދުކުރާނީ ކަށިބޯ އާލާވާން މެދުވެރިވާ އަދި މުރަކަތަކަށް ގެއްލުންދޭ މާއްދާތައް އިތުރުވުން ކޮންޓްރޯލު ކުރެވޭނެ އިތުރު ގޮތްތަކެއް ހޯދާ ބަލައި، އެކަން ކަށަވަރުކުރުމަށް ކަމަށެވެ.

ގްރޭޓް ބެރިއާ ރީފް ހިމާޔަތްކުރަން އޮސްޓްރޭލިއާ ސަރުކާރުން އެކުލަވާލި ފަންޑަށް ގިނަ އަދަދެއްގެ ސައިންޓިސްޓުން މަރުހަބާ ކީ ނަމަވެސް، ބައެއް ފަރާތްތަކުން ދަނީ އެކަމުން ފަރު ހިމާޔަތްކުރުމަށް ހަގީގަތުގައި ވެސް އެހީވެދޭނެކަމާ މެދު ސުވާލު އުފައްދަމުންނެވެ.

އެގޮތުން، ޖޭމްސް ކުކް ޔުނިވާސިޓީގައި މުރަކަ ފަރު ދިރާސާ ކުރާ ސެންޓަރުގެ ޕްރޮފެސަރެއް ކަމަށްވާ ޖޮން ބްރޯޑީ ވަނީ، އެ ފަންޑަކީ މިހާރުވެސް ފެއިލްވެފައިވާ ޕްރޮގްރާމެއް އިތުރަށް ފެއިލްވުން ކަމަށް ސިފަކުރައްވާފައެވެ.

(ރޮއިޓާސް)