ރާއްޖޭގެ ހުރިހާ ރަށެއް ހަމައެކަނި މާލެއަށް ބަރޯސާވެގެން، އަޅުގަނޑުމެން މިއެދޭ ތަރައްގީގެ ސްޕީޑް ނުލިބޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު އެމަނިކުފާނު ދެއްވި ހަފްތާ ރޭޑިއޯ ހިތާބުގައި ވިދާޅުވީ، ކުޅުދުއްފުއްޓާއި އައްޑޫ ހިތަދުއާއި އަދި އެހެންވެސް ރާއްޖޭގެ ބޮޑެތި އާބާދީތަކަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ހޯދައިދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ކައިރީގައިވާ ކުދިކުދި އާބާދީތަކަށް އެބޮޑެތި އާބާދީތަކުން ވިޔަފާރީގެ ފައިދާއާއި، ތަރައްގީގެ ފަހިކަމާއި އަދި އެހެން އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

އަދި "ރާއްޖޭގެ ހުރިހާ ރަށެއް ހަމައެކަނި މާލެއަށް ބަރޯސާވެގެން، އަޅުގަނޑުމެން މިއެދޭ ތަރައްގީގެ ސްޕީޑް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސާކް ސަމިޓަށް ތައްޔާރުވުމަށް އައްޑޫސިޓީއާއި ފުވައްމުލަކުގައި ހިނގަމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ސާކް ސަމިޓާ އެކު ބިނާ ކުރެވެނީ، ތަރައްގީއަށް މަގުފަހިވާނެ މައިގަނޑު ވަސީލަތްތައް ކަމަށެވެ.

ސާކު ސަމިޓުގެ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ފުރިހަމަ ސިޓީ އެއްގެ ގޮތުގައި ބިނާކުރުމަށް ބޭނުންވާ ގިނަ ކަންކަން ނިމިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގައި މާލެ ފިޔަވައި ދެވަނައަށް އޮތް ސިޓީއަކީ އައްޑޫ ސިޓީ. ސާކް ސަމިޓްގެ މަސައްކަތްތަކުގެ ތެރެއިން އައްޑޫ އެއީ، ފުރިހަމަ ސިޓީއެއްގެ ގޮތުގައި ބިނާކުރުމަށް ބޭނުންވާ ގިނަ ކަންކަން ނިމިގެންދާނެ. މަގުތަކާއި، ފެނާއި، ނަރުދަމައާއި، ބަނދަރާ އަދި މިބާވަތުގެ އެތައްއެތައް ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ރައްޔިތުންނަށް މިހާރަށްވުރެ ފާގަތި ގޮތުގައި އުޅެވޭނެ ގޮތްތަކެއް ހޯދުން،" ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކުގެ މަސައްކަތްތަކުގެ ތެރެއިން އެއާޕޯޓްގެ މަސައްކަތާއި، މަގު ހެދުމުގެ މަސައްކަތާއި، ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއި، ނެރު އަލުން އަނބުރާ މަރާމާތު ކުރުމުގެ މަސައްކަތާއި، ސަމިޓަށް ތައްޔާރުކުރެވޭ ކްރިކެޓް ސްޓޭޑިއަމް ހެދުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ފުވައްމުލަކު އެއާޕޯޓްގެ މަސައްކަތް ސަމިޓަށް ނިމޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ކުޅުދުއްފުށްޓަށް ބައެއް މިނިސްޓަރުން ވަޑައިގެން، އެޕްރޮވިންސްގައި ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް ރައީސް ވާހަކަފުޅުދެއްކެވި އެވެ. އެގޮތުން ކުޅުދުއްފުށީގެ ދަނޑުވެރިކަމުގެ ބާވަތްތައް ގަނެވޭނޭ އިންތިޒާމް އެސްޓީއޯ މެދުވެރިކޮށް ހަމަޖައްސުމާއި އެރަށުގައި އިފްތިތާހުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއު ރައީސް ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ އިގުތިސާދީ އަދި މާލީ ސިޔާސަތުގެ ތެރެއިން މުދަލާއި ހިދްމަތުން ޓެކްސް ނެގުމުގެ ބިލު ފުވައްމުލަކުގައި މިއަދު ހަވީރު ބާއްވާ ރަސްމިއްޔާތެއްގައި ތަސްދީގު ކުރައްވާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.