29 Apr 2018, 09:16
ސްޕެނިޝް ކްލަބު ސެވިއްޔާގެ ކޯޗު ވިސެންޒޯ މޮންޓެލާ މަގާމުން ވަކިކޮށްފި އެވެ.
އުމުރުން 43 އަހަރުގެ މޮންޓެލާ ވަނީ މިދިޔަ އަހަރު ނޮވެންބަރު މަހު އޭސީ މިލާންގެ ކޯޗު ކަމުން ވެސް ވަކިކޮށްފަ އެވެ. އޭނާ ސެވިއްޔާގެ ކޯޗު ކަމާ ހަވާލުވީ މިދިޔަ ޑިސެންބަރު މަހުގަ އެވެ.
ސެވިއްޔާ އިން ބުނެފައި ވަނީ މޮންޓެލާ މަގާމުން ވަކިކޮށްފައި ވަނީ ދަށް ނަތީޖާތަކުގެ ސިލްސިލާއެއްގެ ސަބަބުން ކަމަށެވެ. މިދިޔަ ހުކުރު ދުވަހު ލެވާންޓޭއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުން ވެސް ސެވިއްޔާ ބަލިވެފައިވާ އިރު، މިދިޔަ މަހު 13 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގަދަ 16އިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފަހުން އެޓީމު އަދި މޮޅުވެފައެއް ނުވެ އެވެ.
ސެވިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ސީޒަންގެ ނިޔަލަށް ދެން ކްލަބާ ހަވާލުވާނީ ކުރިން ޓީމަށް ކޯޗު ކޮށްދިން ޖޮކީން ކަޕަރޯސް ކަމަށެވެ.
ޖޯކީން އަކީ 2000 ވަނަ އަހަރުން 2005 ވަނަ އަހަރާ ހަމައަށް ކްލަބުގެ ކޯޗު ކަމުގައި ހޭދަކުރި ކޯޗެކެވެ. އޭނާ 2000 ވަނަ އަހަރު ޓީމާ ހަވާލުވި އިރު، ސެވިއްޔާ އޮތީ ދެވަނަ ޑިވިޝަންގައެވެ. ޖޯކީންގެ ފުރަތަމަ ސީޒަންގައި ސެވިއްޔާ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނެވެ.
މިހާތަނަށް ލީގުގައި ކުޅުނު 34 މެޗުން 48 ޕޮއިންޓާއެކު ސެވިއްޔާ އޮތީ ލީގު ތާވަލުގެ ހަތް ވަނައިގަ އެވެ. އަންނަ އަހަރު ޗެމްޕިއަންސް ލީގުގެ ޖާގަ ސެވިއްޔާއަށް ގެއްލިފައިވާ އިރު، ޔޫރޮޕާ ލީގަށް ވެސް އޮތީ ހަނި ފުރުސަތެކެވެ.