29 Apr 2018, 09:34
މޯލްޑިވިއަން އައިޑަލްގެ ފޭނުންނަށް ރޭ ލިބުނީ ބޮޑު ހައިރާންކަމެކެވެ. ހުކުރު ދުވަހުގެ ގާލާ ޝޯގައި ހޯސްޓުން އިއުލާނު ކުރީ ރޭގެ އެލެމިނޭޝަންގައި ދެ ބައިވެރިޔަކު ޝޯ އާ އަލްވަދާއު ކިޔާނެ ކަމަށެވެ. އަދި ގަދަ ތިނަކަށް ދާ ބައިވެރިން ރޭ ކަށަވަރުވާނެ ކަމަށެވެ.
ގާލާ ރައުންޑުގެ ޝޯގައި ފަސް ބައިވެރިން ވެސް ވަނީ މޮޅު ހުށަހެޅުންތަކެއް ހުށަހަޅައިދީ ޖަޖުންނާއި ފޭނުން ވެސް އުފާކޮށްދީފަ އެވެ. ހުކުރު ދުވަހުގެ ރޭ ކޮންމެ ބައިވެރިއަކު ވެސް ވަނީ ފޭނުންގެ ފަރާތުން ހުށަހެޅި ލަވަޔަކާއި އެބައިވެރިޔަކު އެންމެ އިންސްޕަޔާވާ ލަވަ ކިޔައިފަ އެވެ. އެރޭގެ ޝޯއަކީ ޖަޖުންގެ ފަރާތުން އެންމެ ގިނަ ބައިވެރިންނަށް ސްޓޭންޑިން އޮވޭޝަން ވެސް ލިބުނު ޝޯ އެވެ.
ހޮނިހިރު ދުވަހުގެރޭގެ ޝޯ އަށް ގޭގޭގެ ފެންޑާތައް ފުރާލީ ދެ ބައިވެރިޔަކު ޝޯ އާ އަލްވަދާއިކިޔާއިރު އޭގެ ތެރޭގައި ހިމެނެނީ ކޮން ބައެއްތޯ ބަލާލުމަށެވެ. ޓްވިޓާގައި ވެސް ފޯރިއާއެކު ކަޓާނީ ކާކުތޯ ދިމާކުރުން ކުރިއަށް ދަނިކޮށް ރޭގެ ޝޯ ނިންމާލީ މޫސާ ވަސީމްގެ މޮޅު ސަސްޕެންސާ އެކު، އެއްވެސް ބައިވެރިޔަކު ޝޯ ދޫކޮށް ނުދާނެކަން އިއުލާނު ކުރަމުންނެވެ.
ރޭގެ ޝޯގައި މޯލްޑިވިއަން އައިޑަލްގެ ފާއިތުވި ދެ ސީޒަނުން ވިދާލި ފަސް ބައިވެރިއަކު ވަނީ ތިން ވަނަ ސީޒަންގެ ބައިވެރިންނާ އެކު ފޯރިގަދަ ރީތި ލަވަތަކެއް ހުށަހަޅައިދީފަ އެވެ.
މިފަހަރުގެ އައިޑަލްގައި ފަސް ބައިވެރިން ފައިނަލްގައި ވާދަކުރާނެ ކަމަށާއި އެގޮތަށް ނިންމީ ހުކުރު ދުވަހުގެރޭގެ ހުށަހެޅުންތައް ވަރުގަދަވެފައި، ބައިވެރިންގެ މެދުގައި ވާދަވެރިކަން ބޮޑުކަމުން ކަމަށް ވަނީ ބުނެފަ އެވެ. އަދި ރޭގެ ޝޯ އަށް ބެލުންތެރިން ކުރި ވޯޓާއި ޖަޖުންގެ މާކްސް ފައިނަލްގައި ގުނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއްގެ ފައިނަލް ހަފްތާއެއް ފަހުން އޮންނާނެ އެވެ. ފައިނަލް ގައި ވާދަކުރާނީ މަރިޔަމް މައީޝާ، އައިޝަތު އަޒަލް، ސައިނާ މުހައްމަދު އަދި ތަސްލީމް އަބްދުލްކަރީމާއި ނައުޝާދު އަބްލުއްލަތީފެވެ.