ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގައި ހަނިމާދޫ ފުޓްސަލް ޓީމުން ޑީއެންޑީ އަންޑަގްރައުންޑް ބަލިކުރި އިރު، ފޯ ވިންގްސް އިން ސްޓެލްކޯ ބަލިކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޑީއެންޑީ އަންޑަގްރައުންޑް އަތުން ހަނިމާދޫ ފުޓްސަލް ޓީމު މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ހަނިމާދޫ ފުޓްސަލް ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން އިބްރާހިމް ހަސަން ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު އަފްރާހާއި ނާފިއު ސައީދުވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ޑީއެންޑީ އަންޑަގްރައުންޑްގެ ހަމައެކަނި ލަނޑު، އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަހްމަދު އަޖުވަދެވެ.

އިއްޔެ ހަވީރު ސްޓެލްކޯ އަތުން ފޯ ވިންގްސް މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފޯ ވިންގްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޝިމާލާއި އަލީ ނާފިލް އަދި އަލީ އަބްދުﷲ އެވެ. ސްޓެލްކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާދަމް އިލްޔާސައުއާއި ޝިފާޒް އަހްމަދެވެ.

އިއްޔެ ހަވީރު ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އެފްސީޒެޑް އަތުން 3-2ގެ ނަތީޖާއަކުން އެފްސީ ދަންނަ ނުދަންނަ ވަނީ މޮޅުވެފައެވެ. އަދި އެލްއެފް އަލްފާ އަތުން ދަނޑު ގޯޅި އެސްސީ މޮޅުވީ 3-5ގެ ނަތީޖާއަކުންނެވެ.

ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.