ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގައި ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސް އެސްސީއާއި ނޮއޭނާ އިން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި އިއްޔެ ހެނދުނު ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސްއިން ވަނީ 8-1ގެ ނަތީޖާއަކުން ހައިބްރިޑްޒް އެސްސީ ބަލިކޮށްފައެވެ.

އެ މެޗުގައި ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސްއިން ޖެހި އަށް ލަނޑުގެ ތެރެއިން ޝަމަކް ޝަރީފާއި އަލީ ފަހުމީ، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރިއެވެ. އެޓީމަށް މުހައްމަދު ޒަޔާނާއި އަހްމަދު ޔާމީން އަދި އަހްމަދު އަސްވަދު ވެސް ލަނޑެއް ކާމިޔާބުކޮށްދިން އިރު، ހައިބްރިޑްޒްގެ އަހްމަދު ޝަދާން އަތުން ބައިކޮޅަށް ލަނޑެއް ވަނެވެ. ހައިބްރިޑްޒް އިން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ސާމީނެވެ.

އިއްޔެ ހެނދުނު މަޑަވެލި ރަޓު ޓީމު އަތުން ނޮއޭނާ މޮޅުވީ 9-1ގެ ނަތީޖާއަކުންނެވެ. ނޮއޭނާ އިން ޖެހި ނުވަ ލަނޑުގެ ތެރެއިން ތިން ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަޔާޒް އަހްމަދު ކާމިޔާބުކޮށްދިން އިރު، ހުސައިން ނިޔާޒް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމަށް ހުސައިން ގައްސާން ލަބީބާއި އަލީ ޝިފާއުއާއި އިބްރާހިމް ހަމްދާން އަދި ހުސައިން ޒާހިރު ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. މަޑަވެލި ރަޓު ޓީމުގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަމޫހު އަންވަރެވެ.

އިއްޔެ ހެނދުނު ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އެފްސީ އެލަޕިސޯ އަތުން ޓީމް އިނގުރައިދޫ މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. ކްލަބު އަމީގޯސް އަތުން 2-7ގެ ނަތީޖާއަކުން އެފްސީ ރުމާލު އެކްސް މޮޅުވި އިރު، އިރުމަތީ ސްޕޯޓްސް ކްލަބު އަތުން ކޮބާ ކީން މޮޅުވީ 6-4ގެ ނަތީޖާއަކުންނެވެ. އަދި ކްލަބު އެފްޓީއެލް އަތުން ފިނޯމިނަލްސް މޮޅުވީ 7-8ގެ ނަތީޖާއަކުންނެވެ.

ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.