ފްރާންސްގެ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ދާރުލް އާސާރެއްގައި ހުރި ދެބައިކުޅަ އެއްބައި ތަކެތި ފޭކްކަން ހާމަވެއްޖެ އެވެ.

މަޝްހޫރު ކުރެހުންތެރިޔާ އެޓެއިން ޓެރޫސްގެ ތަކެތި ދައްކާލުމަށް ހާއްސަކޮށްގެން ހިންގާ ދާރުލް އާސާރުގައި ހުރި ތަކެތީގެ ތެރޭގައި އަސްލު ނޫން ތަކެތި ހިމެނޭކަން ފަޅާއެރީ މައުރަޒެއް ބޭއްވުމުގެ ގޮތުން އެކްސްޕާޓުން މަސައްކަތްކުރުމުގެ ތެރޭގަ އެވެ.

އެޓެއިން ޓެރޫސް ކުރަހާފައިވާ އޮއިލް ޕެއިންޓިންތަކާއި އަދި އެހެނިހެން ކުރެހުންތައް ފްރާންސްގް މުނިސިޕަލް ފަންޑުން ގަނެފައި ވަނީ ފާއިތުވި 50 އަހަރު ތެރޭގަ އެވެ. އެ ތަކެތި ގަތުމަށް 140،000 ޕައުންޑް ވަނީ ހަރަދުކޮށްފަ އެވެ. އެޓެއިން ކުރަހައިފައިވާ 140 ކުރެހުމެއް ދާރުލް އާސާރުގައި ހިމެނޭއިރު، އޭގެ ތެރެއިން 82 ކުރެހުމަކީ އޭނާގެ ކުރެހުންތަކެއް ނޫނެވެ.

ކުރެހުންތަކާ ބެހޭ ތާރީހު ދިރާސާ ކުރާ މާހިރަކަށް އެ މައުރަޒުގައި ހުރި ކުރެހުމަކީ އެޓެއިން ކުރަހާފައިވާ ކުރެހުމެއް ނޫންކަން އެނގުނީ އެ ކުރެހުމުގައި ހުރި އިމާރާތެއް ފެނުމުންނެވެ. އެ އިމާރާތް އިމާރާތްކޮށްފައި ވަނީ ވެސް އެޓެއިން އަވަހާރަވީފަހުންނެވެ.

އެ މައްސަލަ މިހާރު ފްރާންސްގެ ފުލުހުން ބަލަމުންދާއިރު، އެ ތަކެތި ވިއްކި ފަރާތްތައްް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން ބުނީ ފްރާންސްގެ އެހެނިހެން ދާރުލް އާސާރުތަކުގައި ވެސް އަސްލުނޫން ތަކެތި ހުރިކަމަށް މިހާރު ބެލެވޭ ކަމަށެެވެ.

މަސްދަރު: ޓެލެގްރާފް