ސ. ހިތަދޫގައި ހުންނަ އެމްޑީޕީ މައި އޮފީހުގެ ބޭރުގައި ބަހައްޓައިފަ ހުރި ބައެއް ތަކެތީގައި ރޯވެ އަނދައިފި އެވެ.

ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ، އެމްޑީޕީ އޮފީހުގެ ފެންޑާގައި ބަހައްޓައިފަ ހުރި ފޮށިގަނޑުތަކަކާއި ބޭނާ ފޮތި ތަކުގައި ރޯވެފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 10:00 ޖަހާއެހާކަންހާއިރު ކަމަށެވެ. އެތަކެތީގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް، އޮފީހަށް މާބޮޑެތި ގެއްލުންތަކެއް ނުވަނީސް ހުޅުގަނޑު ނިއްވާލާފައިވަނީ އެ ސަރަހައްދުން ހިނގައިފަ ދިޔަ ކުދިންތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އެމަގުން ދިޔަ ކުދި ބަޔަކަށް ފެނިގެން ހުޅުގަނޑު ނިއްވާލީ. އޮފީހުގެ ފެންޑާގައި ހުރި ފޮށިގަނޑުތަކަކާ ބެނާ ދަމާ ފޮތިތަކެއްގައި ރޯކޮށްލައިފަ ހުރީ. އޮފީހުގެ ކުޑަދޮރުތައް ވެސް ހުރީ ހަލާކުވެފައި،" ހިތަދޫން މައުލޫމާތު ދިން މީހާ ބުންޏެވެ.

އެހެންނަމަވެސް، އޮފީސް ތެރޭގައި ހުރި އެއްވެސް އެއްޗަކަށް ގެއްލުން ނުވާ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންނާއި ސިފައިން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިދިޔަ އަހަރު މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި ވެސް ވަނީ ބަޔަކު ރޯކޮށްލައިފަ އެވެ. އެ ހާދިސާގައި އެމްޑީޕީ ހަރުގޭގެ ގުދަން އެއްކޮށް ވަނީ އަނދާ ހުލިވެފަ އެވެ.