29 Apr 2018, 00:09
ވެރިންނާ ދެކޮޅަށް ބަދުބަސްބުނެ ބަދު ދުއާ ކުރުމުގެ ބަދަލުގައި، ވެރިންނަށް ހިދާޔަތް ދެއްވުމަށް އެދި އަޅުގަނޑުމެން ﷲ ގެ ހަޟްރަތުގައި ދުއާ ކުރަން ޖެހޭ ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އެސްޓެސް ވިދާޅުވެއްޖެއެވެ.
"އެބްސޮލިއުޓް އެސެންޝިއަލް ސީރީސް"ގެ ދަށުން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ދަރުސް ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި މިރޭ ބޭއްވި ދީނީ ދަރުސްގައި ވާހަކަ ދައްކަވަމުން ޔޫސުފް އެސްޓެސް ވިދާޅުވީ އިސްލާމީ ގައުމެއްގައި ވަލިއްޔުލް އަމްރަކީ މުސްލިމުން ހިމާޔަތްކުރަން ހުންނަވާ ބޭފުޅެއް ކަމަށެވެ. އަދި އެ ވެރިޔާއާ ދެކޮޅަށް ރައްޔިތުން ނުކުތުމުން އޭގެ ނޭދެވޭއަސަރު އެތަކެއް ޖީލަކަށް ކުރާނެ ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.
"ވަލިއްޔުލް އަމްރަކީ ކަޅު ނަސްލުގެ މީހަކަށްވިޔަސް އޭނާއަށް ފުރިހަމަ ބޯލެނބުމަށް ކީރިތި ރަސޫލާގެ ހަދީސްގައި އެބައޮތް. ތިޔަ ބައިމީހުންގެ މައްޗަށް ﷲ ވެރިއަކު ލެއްވުމުން އޭނާއާ ދެކޮޅަށް މަސައްކަތް ކުރަންވީއެއް ނޫން. އެހެން ކަންތައް ކޮށްފިނަމަ ތިޔަބައިމީހުގެ ހާލަތު އިތުރަށް ގޯސްވާނެގޮތަށް ﷲ މެދުވެރިކުރައްވައިފާނެ. ފާއިތުވި 30 އަހަރު ތެރޭ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެފަދައިން ކަންތައްވަމުންދާ ގޮތް ތިޔަބައިމީހުންނަށް ހަމަ ނުފެންނަނީތޯ؟" ޔޫސުފް އެސްޓެސް ވިދާޅުވިއެވެ.
ޔޫސުފް އެސްޓަސް ވިދާޅުވީ ވަލިއްޔުލް އަމްރާ ދެކޮޅަށް ރައްޔިތުން ނުކުތުމުން ގައުމުތަކުގެ ހާލަތު އިތުރަށް ގޯސްވަމުންދާކަން ތަކުރާރުކޮށް ފެންނަމުންދާ ކަމަށެވެ.
މީހުންނަށް ބަދުބަސް ބުނެ ބައްދުއާ ކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ވެސް ޔޫސުފް އެސްޓެސް ވިދާޅުވިއެވެ.
"މިވެނި މީހަކަށް މިފަދަ އަނިޔާވެރިގޮތެއް މިންވަރުކުރައްވާށޭ ކިޔަައި ދުއާ ކުރުމަކީ އޮންނަ ކަމެއް ނޫން. އެހެން ނަމަވެސް އިސްލާމް ދީނުގައި އެފަދަ މީހުންނަށް ހިދާޔަތް ދިނުމަށް އެދި ﷲ ގެ ހަޟްރަތުގައި ދުއާ ދެންނެވިދާނެ. ދުނިޔޭގެ އެންމެ ޖައްބާރު ވެރިޔާވެސް އެންމެ ރަނގަޅު ވެރިޔަކަށް ވަގުތުން ވެދާނެ. އުމަރު ރަޟިﷲ އަންހު އަކީ އެެއްއިރެއްގައި އިސްލާމް ދީނުގެ އެންމެ ބޮޑު އަދުއްވެއްކަން އެނގޭތަ؟ އެ ކަލޭގެފާނު އެއްއިރެއްގައި އެކަލޭގެފާނުގެ ކުޑަ އަންހެން ދަރިކަނބަލުން ދިރިހުއްޓާ ވަޅުލިކަން އެނގޭތަ؟" ޔޫސުފް އެސްޓެސް ވިދާޅުވިއެވެ.
އުމަރު ރަޟިﷲ އަންހު އަކީ އެއްއިރެއްގައި ކިތަންމެ ބޮޑު ޖައްބާރެއް ކަމަށްވިޔަސް، ކީރިތި ރަސޫލާގެ ދުއާގެ ސަބަބުން، އުމަރުގެފާނު ހިތްވެސް ބަދަލުވެގެން ދިޔަ ކަމަށާއި، އެކަމުން އިބުރަތް ހާސިލްކޮށްގެން އަޅުގަނޑުމެންވެސް ވެރިންނަށް ހިދާޔަތު ދެއްވުމަށް އެދި ދުއާ ކުރަން ޖެހޭ ކަމަށްވެސް ޔޫސުފް އެސްޓަސް ވިދާޅުވިއެވެ.
މިހާރަކަށް އައިސް ހަދީސް ގަބޫލުނުކޮށް ހަމައެކަނި ގުރުއާން ގަބޫލުކުރާ ބައެއް ފަރާތްތައް އުޅޭ ކަމަށާއި އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.