14:30


އިރުމަތީ އިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 65 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެ އެވެ.


ރޭ ދަންވަރު މިއެކްސިޑެންޓް ހިނގާފައިވަނީ އިންޑިއާ އިރުމަތީގެ ސިޓީއެއް ކަމަށްވާ ކަލްކަތާއިން މުންބާއީއަށް ޕެސެންޖަރުން ގޮވައިގެން ދިޔަ ރޭލަކާއި އެމަގު ހުރަސްކޮށް ދިޔަ މުދާ އުފުލާ ރޭލަކާ ޖެހިގެން ކަމަށް ޚަބަރުތައް ބުނެ އެވެ.


މި އެކްސިޑެންޓަކީ ގަސްދުގައި ބަޔަކު ރާވައިގެން ދީފައިވާ ހަމަލާއެއްގެ ސަބަބުން ހިނގި އެކްސިޑެންޓެއް ކަމަށް އިންޑިއާގެ ރެއިލްވޭ ސްޓޭޝަންގެ އިސް އޮފިޝަލަކު ވަނީ ތުހުމަތުކޮށްފަ އެވެ. މި އެކްސިޑެންޓް ހިނގުމުގެ ކުރިން ރޭލުގެ ކުރިމަތިން އެއްޗެއް ގޮއްވާލާފައިވާ ކަމަށާއި ރޭލު އެކްސިޑެންޓްވާން ދިމާވީ އެކަމުގެ ސަބަބުން ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.


އިންޑިއާގައި ހިނގި މިރޭލު އެކްސިޑެންޓުގައި މަރު އަދި ޒަހަމްވި މީހުންގެ ތަފްސީލް ހޯދިފައިނުވާ ކަމަށާއި ބައެއް މީހުން އަދިވެސް ރޭލުގެ ބައިތަކުގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.