ސާބިއާގެ އިވާނާ ސްޕެނޮވިޗަކީ ލޯންގް ޖަމްޕުގައި ދުނިޔޭގެ ޗެމްޕިއަނެކެވެ. 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްއިން ބްރޯންޒް ހާސިލްކުރި އިވާނާއަކީ މި އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ އެތްލެޓިކްސް ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްގެ ލޯންގް ޖަމްޕުން ރަން މެޑަލް ހޯދި އެތުލީޓެވެ. ސާބިއާގެ ލޯންގް ޖަމްޕް ރެކޯޑު އޮންނަނީވެސް އިވާނާ އަތުގައެވެ.

މީގެ އިތުރުންވެސް ޔޫރޮޕިއަން އިންޑޯ ޗެމްޕިއަންޝިޕްގެެ ރަން މެޑަލް ވެސް ހޯދައިފައިވާ އިވާނާއަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ލޯންގް ޖަމްޕު އެތުލީޓެވެ. ޖޫނިއާ ލެވެލްއިން ފެށިގެންވެސް ކާމިޔާބީތައް ހޯދަމުން އަންނަ އިވާނާ މިވަގުތު ތަމްރީނުތައް ހަދަމުން ދަނީ ރާއްޖޭގައެވެ.

މީގެ ކުރިން ޗުއްޓީ ހޭދަކޮށްލުމަށް އިވާނާ ރާއްޖެއައި ނަމަވެސް، މިއަދު އޭނާ އައުޓްޑޯ ސީޒަނަށް ތައްޔާރުވަމުން ދަނީ ރާއްޖޭގެ ހިތްގައިމު މާހައުލުގައެވެ.

"މިއީ ފުރަތަމަ ފަހަރު އަހަރެން މިތާނގެ ތަމްރީން ކޭމްޕަކަށް އައި. އާއްމުކޮށް އަންނަނީ ޗުއްޓީ ހޭދަކޮށްލުމަށް. އަހަރެން ވަރަށް އުފާވި މި ކަހަލަ ޓްރެކެއް މިތާ ހެދެމުން ދިޔަތަން ފެނުމުން. އެތުލެޓިކްސް އެސޯސިއޭޝަންގެ މީހުންނާ ވާހަކަ ދެއްކުމުން ބުނީ މިތާ ތަމްރީނުތައް ހަދަން އައުމަށް. އަދި ދަނީ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް،" ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ތަމްރީނު ހަދަމުން އަންނަ އިވާނާ ނޫސްވެރިންނާ ބައްދަލުކޮށް ކިޔައިދިނެވެ.

އިވާނާ ބުނީ އައުޓްޑޯ ސީޒަނަށް ތައްޔާރުވުމަށް ރާއްޖެއަކީ އެންމެ އެކަށޭނެ މާހައުލު ކަމަށާއި، އޭނާއަށް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ފަހިކޮށްދިން ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

"އިންޑޯ ސީޒަން ނިންމާފައި މިއައީ. މިހާރު އައުޓްޑޯ ސީޒަނަށް ތައްޔާރު ވަމުން މިދަނީ. އެހެންވީމަ މި ޓެރެކަކީ އެންމެ އެކަށޭނެ ތަނެއް. ޕިޓްވެސް ވަރަށް ފުރިހަމަ. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ހުޅުމާލޭގެ ހުރިހާ ރައްޔިތުންނާ މިކަމުގައި ބައިވެރިވާ އެންމެނަށް،" އިވާނާ ބުންޏެވެ.

އިވާނާ ރާއްޖޭގައި ކުރިއަށް ގެންދާ ތަމްރީނުތަކުގެ ތެރެއިން --- ފޮޓޯ/ މުހައްމަދު އަހުސަން، ރެޑްބުލް މޯލްޑިވްސް

ޗެމްޕިއަން އެތުލީޓެއްގެ ހައިސިއްޔަތުން އިވާނާ ބުނީ ވަސީލަތްތައް މުހިއްމު ކަމަށާއި، އޭނާވެސް މިއަދު ހުރި މަގާމަށް ދިއުމަށް ވަސީލަތްތައް މުހިއްމު ރޯލެއް އަދާކުރި ކަމަށެވެ.

"ކުރިއެރުމަށް ބޭނުންވާނެ ވަސީލަތްތައް އެއީ ވަރަށް މުހިއްމު އެއްޗެއް. އެކަމަކު އަހަރެންވެސް މީގެ ތެރެއަށް ވަދެގެން އައިއިރު، ސާބިއާގައި އަހަރެން ދިރިއުޅޭ އަވަށުގައިވެސް ނެތް ޓްރެކެއް. އެހެން އަވަށަކަށް ބަދަލުވެގެން ޓްރެކެއް ހޯދީވެސް. އެހިސާބުން މީގެ ތެރެއަށް ވަދެވި ނަތީޖާތައް ފެންނަން ފެށި. ކޮންމެ ދުވަހަކު ރަނގަޅު ޓްރެކެއްގައި ފަރިތަކުރަން ފެށުމުން ތަފާތު ފެންނަލެއް އަވަސްވި،" އިވާނާ ބުންޏެވެ.

އިވާނާ ބުނީ ރާއްޖެއަކީ ހިތްގައިމު މާހައުލެއް ކަމަށާއި، އޭނާގެ ތަމްރީނުތަކަށް ރަނގަޅު މޫސުމެއްވެސް އޮންނަ ގައުމެއް ކަމަށެވެ. އަދި އޭނާގެ އެދުމަކީ ދުނިޔޭގެ އެންމެ މޮޅެތި އެތުލީޓުން ރާއްޖެ އައުން ކަމަށްވެސް އިވާނާ ބުންޏެވެ.

"އަހަރެން އަބަދުވެސް ބަލަނީ 'އެގްޒޮޓިކް' ތަނެއް ހޯދުމަށް. ރާއްޖެއަކީ ތަމްރީނުތަކަށް ރަނގަޅު މޫސުމެއްވެސް އޮންނަ ގައުމެއް. އެއީ އެންމެ މުހިއްމު ކަމަކީ ގައުމުން ބޭރަށް ދާއިރު. ރާއްޖޭގައި ތަމްރީނު ކުރަން ދުނިޔޭގެ އެންމެ މޮޅެތި އެތުލީޓުންނަށްވެސް ދައުވަތު ދެން ރާއްޖެއަށް އައިސް ރާއްޖޭގެ ހިތްގައިމު މާހައުލުގައި ތަމްރީނުތައް ހަދާލަން. ހަމަ ޔަގީނުންވެސް އަހަރެން އަދި ބައިވަރު ފަހަރު ރާއްޖެ އަންނާނަން،" އިވާނާ ބުންޏެވެ.

އިވާނާ ރާއްޖޭގައި ކުރިއަށް ގެންދާ ތަމްރީނުތަކުގެ ތެރެއިން --- ފޮޓޯ/ މުހައްމަދު އަހުސަން، ރެޑްބުލް މޯލްޑިވްސް

އިވާނާ ބުނީ ރާއްޖޭގެ އެތުލީޓުންނަށްވެސް ކުރިއަށް ދެވޭނެ ކަމަށާއި، އެކަމަށް ހުރިހާ އެންމެންގެ ސަޕޯޓާއި ރަނގަޅު ކޯޗިން ތަމްރީނު ބޭނުންވާ ކަމަށެވެ.

"ޔަގީނުންވެސް ދުނިޔޭގެ ލެވެލްގައި ރަނގަޅު އެތިލީޓެއް ރާއްޖެއިންވެސް އުފެއްދި ދާނެ. މިތަނަށް ކޮންމެ ދުވަހަކު ކުދިން ތަމްރީނުވާން އަންނަތަން ފެނޭ. ކޯޗުންނާ އެކު. ރަނގަޅު ކޯޗަކާއެކު ރާއްޖެއަށް މޮޅު އެތުލީޓުން ބިނާ ކުރެވޭނެ،" އިވާނާ ފަހު ބަހެއް ގޮތުން ބުންޏެވެ.

ތަމްރީނުތައް ނިންމުމަށްފަހު އިވާނާ މާދަމާ ފުރާ އިރު، އޭނާ ފަދަ ދުނިޔޭގެ ޗެމްޕިއަނެއް ރާއްޖޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުން ވެގެންދާނީ ދުނިޔޭގެ އެހެން އެތުލީޓުންނަށް ހުޅުވޭނެ ދޮރަކަށެވެ. ހާއްސަކޮށް މިފަދަ އެތުލީޓުންގެ ތަމްރީނުތަކަށް ރާއްޖެ އައުން ވެގެންދާނީ ޓޫރިޒަމްގެ ތެރެއަށް އިތުރުވެގެންދާނެ މުހިއްމު ބޮޅަކަށެވެ.