01 Sep 2011, 22:31
އެއްގަމު އުޅަނދުގެ ތަފާތު ކަންކަންކަމުގައި ކުރިން ފުލުހުން ނަގަމުން އައި ފީ އާއި ޖޫރިމަނާގެ ފައިސާ ފުލުހުން ބަލައިގަތުން ހުއްޓާލައި އެ ފައިސާ ދައުލަތަށް ބަލައިގަތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އާ ހަވާލުކޮށްފި އެވެ.
ފުލުސް މީޑިޔާ އޮފިޝަލު، ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ އެއްގަމު އުޅަނދުތަކު އެކި ކަންކަމަށް ދައްކަންޖެހޭ ފީ އާއި ޖޫރިމަނާ ފައިސާތައް މީގެ ކުރިން ފުލުހުން ބަލައި ގަންނަމުން ދިޔަ ނަމަވެސް އެފަދަ ހުރިހާ ޖޫރިމަނާއަކާއި ފީއެއް ދެން ބަލައިގަންނާނީ މީރާއިން ކަމަށެވެ.
"މިއަދުން ފެށިން އެކަން އެގޮތަށް ހަމަޖެހި އަޅުގަނޑުމެން ފުލުހުން ވަނީ އެކަމުން އަތް ދޫކޮށްލާފައި އެއީ ދައުލަތަށް ލިބޭންޖެހޭ އެފަދަ ހުރިހާ ފައިސާއެއްގެ ކަންކަމާ މީރާއިން ހަވާލުވުމުން އެބައި މީރާއާ ހަވާލު ކުރުމުގެ ގޮތުން،" އޮފިޝަލު ވިދާޅުވި އެވެ. "އަދި އެފަދަ ފީ އާއި ޖުރިމަނާތައް އެއްތަނަކުން ބަލައިގަތުމުން އާންމުންނަށް ފަސޭހަ ވެސް ވާނެތީއާއެކު."
ޓްރެފިކް ފީތަކާއި ޖޫރިމަނާތައް މިހާތަނަށް ބަލައިގަންނަމުން އައީ ފުލުހުންނާއި މީރާ އިންނެވެ.