އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް މައިކް ޕޮންޕިޔޯ އައްޔަން ކުރުމަށް ސެނެޓުން ރުހުން ދިނުމާއެކު އޭނާ މަގާމުގެ ހުވާކުރައްވައިފިއެވެ.

މަގާމުގެ ހުވާކުރެއްވިތާ ބާރަ ގަޑީއިރުވެސް ނުވަނީސް ޕޮންޕިޔޯ ވަނީ ގައުމުން ބޭރަށް ކުރައްވާ ދަތުރުޅެއްގައި ބްރަސަލްސްއަށް ވަޑައިގެން ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ޕޮންޕިޔޯ ވަނީ ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތަކުގައި އޭނާގެ ހަރުކަށި ވިސްނުން ހާމަކުރައްވާފައެވެ.

މިގޮތުން އުތުރުކޮރެޔާއާއި އީރާނާއި ރަޝިޔާއަށް ދޫނުދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރަޝިޔާއިން ހުޅަނގާ ދެކޮޅަށް އުދުވާނީ ގޮތުން ހަރަކާތްތެރިވާ ކަމަށް ވިދާޅުވެ ރަޝިޔާއާ ކުރިމަތިލުމަށް ޓަކައި ނޭޓޯގެ އަސްކަރީ ބާރު ގަދަކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް އެމެރިކާ ބޭނުންވާ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އުތުރުކޮރެޔާއަށް އިތުބާރު ނުކުރެވޭ ކަމަށާ އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމު ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޕޮންޕިޔޯއަށް ސެނެޓުން ރުހުން ދިނީ ވަރަށް ދަތި ގޮތަކަށެވެ. އެކަން ލަސްވެގެން ދިޔައީވެސް ޕޮންޕިޔޯ އަކީ އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ތަޖްރިބާގެ ގޮތުން ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް ސެނެޓްގެ ޚާރިޖީ ކަންކަމާބެހޭ ކޮމިޓީގެ ބައެއް ބޭފުޅުން ދެކެވަޑައިގަތުމުގެ ސަބަބުންނެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ރިޕަބްލިކަން ޕާޓީގެ މެންބަރުންނާ އަދި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާވެސް ވާހަކަ ދައްކައިގެން މިމައްސަލަ ހައްލުކޮށް އެންމެ ފަހުން ސެނެޓުންމިވަނީ ޕޮންޕިޔޯ އަށް ރުހުން ދީފައެވެ.

ކުރިން އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ ޑައިރެކްޓަރަކަށް ހުންނެވި އަދި މިހާރު އެމެރިކާގެ އައު ޚާރިޖީ ވަޒީރު މައިކް ޕޮމްޕިޔޯއަކީ އެމެރިކާ ސިފައިންގެ ތެރޭގައި އޮފިސަރުން ފެންވަރުގައި (އިންޖިނޭރިން ކޯގައި) ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހު ގާނޫނީ ދާއިރާއިން މަތީ ތައްލީމް ހާސިލް ކުރައްވައިގެން ހުންނެވި ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ.

30 ޑިސެމްބަރު 1963ގައި އެމެރިކާގެ ކެލިފޯނިޔާގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މައިކް ޕޮމްޕިޔޯއަކީ އޭނާގެ ޒުވާން ދުވަސްވަރުން ފެށިގެންވެސް އެމެރިކާގެ ދޮން ނަސްލުގެ ހަރުކަށި ގައުމީ ފިކުރަށް (ޕޮޕިއުލިސްޓް ފިކުރަށް) ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި ދޮން ނަސްލުގެ މީހުން އެހެން ނަސްލުތަކުގެ މީހުންނަށްވުރެ މޮޅުކަމާއި އެހެން ނަސްލުތަކުގެ މީހުންނާ ދޮން މީހުން ތަފާތުވާނެކަމުގެ ބޯދާ ވިސްނުން ޕޮމްޕިޔޯ ގަބޫލުކުރައްވައެވެ.

ޕޮމްޕިއޯ ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންނެވީ 2010 ވަނަ އަހަރުއެވެ. އެއަހަރު އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ފަރާތުން ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ކެންސަސް ސްޓޭޓްގެ ދާއިރާއެއްގެ ގޮނޑިއަކަށް ކުރިމަތިލައްވައިގެން އެމެރިކާގެ ޕާލަމެންޓްގެ ތިރިގޭގެ މެންބަރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވިއެވެ.

އެއަށްފަހު 2017 ވަނަ އަހަރު އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެ ވަޑައިގަތުމާއެކު އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭގެ ޑައިރެކްޓަރުކަމުގެ މަގާމަށް ޓްރަމްޕް އޭނާ އައްޔަނު ކުރެއްވިއެވެ. އަދި އެމަގާމު އަދާކުރުމަށް 24 ޖަނަވަރީ 2017 ގައި ސެނެޓުން ޕޮމްޕިއޯއަށް ރުހުން ދިނެވެ. އެއަށް ފަހު 13 މާޗް 2018ގައި ޓަރަމްޕް ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުން، މެދުމިނުގެ ފިކުރުގެ ބޭފުޅެއްކަމަށްވާ ރެކްސް ޓިލަސަން ދުރުކޮށް އެމަގާމަށް ހަރުކަށި ފިކުރުގެ ޕޮމްޕިޔޯ އައްޔަނުކުރުމަށް ނިންމެވިކަން އިއުލާން ކުރައްވިއެވެ.

ލީބިޔާގައި ހުންނަ އެމެރިކާގެ އެމްބަސީއަށް 2012 ވަނަ އަހަރު ބަޔަކު ދިން ޓެރަރިސްޓް ހަމަލާއެއްގައި އެމެރިކާގެ ސަފީރާއި އެމެރިކާގެ ހަތަރު ޑިޕްލޮމެޓުން މަރުވި މައްސަލަ ތަހުގީގުކުރުމަށް ކޮންގްރެސްއިން އެކުލަވާލި ތަހްގީގު ޓީމުގައި ޕޮމްޕިޔޯ ހިމެނިވަޑައިގެންނެވިއެވެ. އެޓީމުން އެކަން ތަހުގީގު ކުރުމަށްފަހު ނެރުނު 200 ސަފްހާގެ ރިޕޯޓުގައި އެދުވަސްވަރު އެމެރިކާގެ ޚާރިޖީ ވަޒީރަކަށް ހުންނެވި ހިލަރީ ކްލިންޓަންގެ ފަރުވާ ކުޑަކަމާއި ދޯދިޔާކަމުގެ މައްސަލަ ފާހަގަކުރުމުގައި އިސް ދައުރެއް އަދާކުރެއްވީ ޕޮންޕިޔޯ އެވެ.

ޕޮމްޕިޔޯއަކީ މުސްލިމުންނަށާއި، އެމެރިކާގެ ބައި މަދު ނަސްލުތަކުގެ މީހުންނަށް ނަފްރަތު ކުރުމާއި ނަސްލީ އިމްތިޔާޒުގެ ފިކުރުތައް ގެންގުޅުއްވާ ކަމަށް މަޝްހޫރު ބޭފުޅެކެވެ. ސީއައިއޭގެ ޑައިރެކްޓަރުކަމުގެ މަގާމަށް ޓްރަމްޕް އޭނާ އައްޔަނުކުރުމުންވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ ޖަމާއަތްތަކުންނާއި މުސްލިމުންގެ ޖަމިއްޔާތަކާއި ބައިމަދު ނަސްލުތަކުގެ ޖަމިއްޔާތަކުން އެކަމާ ނުރުހުންވެ އޭނާއާ ދެކޮޅަށް އަޑުއުފުލިއެވެ.

ޕޮމްޕިޔޯއަކީ މުސްލިމުންނަށާއި އަދި އެމެރިކާގެ ބައިމަދު ނަސްލުތަކުގެ މީހުންނަށް ނަފްރަތުކުރާ، ނަސްލީ އިމްތިޔާޒުގެ ފިކުރު ގެންގުޅުއްވާ ބޭފުޅެއްކަން އޭނާގެ ވަރަށް ގިނަ ނިންމުންތަކާއި އަމަލުތަކުން ހާމަވެ ކަށަވަރުވެފައި ވެއެވެ. މިގޮތުން ޕޮމްޕިޔޯ ވަނީ އައިއެސްއާއި ތާލިބާނުންނާއި އަލްގައިދާ ފަދަ އިސްލާމްދީނުގެ ނަމުގައި އިސްލާމް ދީނާ މުސްލިމުންނާ އަދި އިސްލާމީ އުސޫލުތަކާ ދެކޮޅަށް ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަކީ އިސްލާމްދީން ތަންފީޒުކުރާ ބައެއްކަމަށް ވިދާޅުވެ އެ ޖަމާއަތްތަކުގެ ހަރުކަށި އަމަލުތަކާއި އިސްލާމްދީނާ އަދި މުސްލިމުންނާވެސް ގުޅުވަން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

މީގެއިތުރުން ޕޮމްޕިޔޯއަކީ އިންސާނީ ހައްގުތަކާ ޚިލާފަށް އެމެރިކާގައި ހިންގާ ހުރިހާ ކަމަކަށްވެސް ތާއީދުކުރައްވާ ބޭފުޅެކެވެ. މިގޮތުން ގުއަންޓަނާމޯ ބޭ ޖަލު އުފެއްދުމާއި އެޖަލުގައި އަނިޔާވެރި އަމަލުތައް ހިންގުމާއި އެމެރިކާ ސިފައިން އިރާގުގެ އަބޫޣުރައިބު ޖަލުގައި ހިންގި ލާއިންސާނީ ޖަރީމާތަކާއި އެމެރިކާ ސިފައިން އަފްޣާނިސްތާން ފަދަ ގައުމުތަކުގައި ހިންގާފައިވާ ގަތުލުއާންމުތަކާއި ލާއިންސާނީ އަމަލުތަކަށް ޕޮމްޕިޔޯ ތާއީދު ކުރައްވާފައިވެއެވެ.

އިރާނުގެ ނިއުކްލިޔަރ މައްސަލާގައިވެސް ޕޮމްޕިޔޯއަކީ ހަރުކަށި ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ. މިގޮތުން އެމެރިކާއާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކޮށްފައިވާ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަކީ އީރާނަށް ފައިދާހުރި އެއްބަސްވުމެއްކަމާއި އެ އެއްބަސްވުން ބަދަލުކުރުމަށް ނޫނީ އުވާލުމަށް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަށް ޕޮމްޕިޔޯ ވަރަށް ބޮޑަށް ތާއީދުކުރައްވައެވެ.

އަދި ޕޮމްޕިއޯއަކީ އެމެރިކާއަށް އެހެން ގައުމުތަކުގެ މީހުން ޚާއްސަކޮށް މުސްލިމުން ހިޖުރަކުރުމާވެސް އިދިކޮޅު ބޭފުޅެކެވެ. ހާއްސަކޮށް މުސްލިމުން އެމެރިކާއަށް ހިޖުރަކުރުމާ ދެކޮޅަށް ޕޮމްޕިއޯ ވާހަކަ ދައްކަވައި މުސްލިމުންނަކީ ޓެރަރިސްޓުންކަމަށް ސިފަކުރައްވާފައިވެއެވެ.

މީގެ އިތުރުން ޕޮމްޕިޔޯއަކީ އިސްރާއީލުގެ ހަރުކަށި ޔަހޫދީ ޒަޔަނިސްޓް ފިކުރަށްވެސް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. މިގޮތުން ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ޓްރަމްޕް ނިންމެވި ނިންމުމަށް ޕޮމްޕިޔޯ ވަރަށް ބޮޑަށް ތާއީދު ކުރައްވައެވެ.

ދުނިޔޭގެ ތިމާވެއްޓާ ގުޅޭ މައްސަލަތައް ވެސް ޕޮމްޕިޔޯ ގަބޫލެއް ނުކުރައްވައެވެ. ތިމާވެށި ހިމާޔަތްކުރުމަށް ދުނިޔޭގައި ކުރަމުން ގެންދާ މަސައްކަތްތަކާއި ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޕެރިސް މުއާހަދާއަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަންތައްތަކެއް ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތަށް ޕޮމްޕިޔޯ ވެސް އެކަންކަން އެގޮތަށް ގަބޫލުކުރައްވައެވެ.

ޕޮންޕިޔޯގެ ޚާރިޖީ ވަޒީރު ކަމުގައި އެމެރިކާގެ ޚާރިޖީ ނިންމުންތަށް ޓިލަސަން ހުންނެވި ދުވަސްވަރަށްވުރެ ހަރުކަށި ވާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް ޓްރަމްޕް ޓީމުގައި މިހާރު ދިފާއީ ވަޒީރު ޖިމް މާޓިސް ފިޔަވައި ދެން ތިއްބެވީ ހަރުކަށި ބޭފުޅުން ކަމަށްވާއިރު އެމެރިކާގެ ޚާރިޖީ ސިޔާސަތު ކުރިޔަށްވުރެ ހަރުކަށިވެފައި އުދުވާނީ ވާނެކަމަށް ތަޖްރިބާކާރުން ދެކެއެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަން މިއަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރު ކުރީކޮޅު ވެއްޓޭނެކަމަށް އޭނާ ހައްދަވާފައިވާ ގޯސްތަކުގެ ސަބަބުން އަމިއްލައަށް އިސްތިއުފާ ދެއްވަން މަޖްބޫރުވެ ވަޑައިގަންނަވާނެ ކަމަށް ވަނީ ބެލެވިފައެވެ.