ޑުބާއީގެ އަލް ފުޖައިރާގެ ކޯޗު ކަމުން ޑިއޭގޯ މަރަޑޯނާ އިސްތިއުފާދީފިއެވެ.

ދުނިޔޭގެ ފުޓުބޯޅަ ލެޖެންޑް، އާޖެންޓީނާގެ މަރަޑޯނާ، އަލް ފުޖައިރާއާ ހަވާލުވީ މިދިޔަ އަހަރުގެ މޭ މަހުގައެވެ. މިވަގުތު ޔޫއޭއީގެ ދެވަނަ ޑިވިޝަންގެ ކްލަބު، އަލް ފުޖައިރާއާ ހަވާލުވި އިރު، މަރަޑޯނާއަށް ހަވާލު ކުރެވުނު މަސައްކަތަކީ އެ ކްލަބު އަނބުރާ ފުރަތަމަ ޑިވިޝަނަށް ގެންދިއުމެވެ.

މީގެ ދެ އަހަރު ކުރިންވެސް ފުޖައިރާ ކުޅެފައިވަނީ ފުރަތަމަ ޑިވިޝަންގައެވެ.

އުމުރުން 57 އަހަރުގެ މަރަޑޯނާގެ ޓީމަށް އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަން ނުކުޅެވޭނެކަން ޔަގީންވީ މިއަހަރުގެ ދެވަނަ ޑިވިޝަން ލީގު ތާވަލުގެ ގަދަ ތިނަކަށް ނުވަދެވޭނެ ކަން ޔަގީން ވުމުންނެވެ. އެކަން ޔަގީންވީ އިއްޔެ ކުޅުނު ލީގު މެޗުން އެއްވަރުވުމުންނެވެ.

މީގެ ކުރިން އާޖެންޓީނާގެ ގައުމީ ޓީމަށްވެސް ކޯޗުކޮށްދިން މަރަޑޯނާއަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތެވެ. ކުޅުންތެރިއެއްގެ ގޮތުގައި އެތައް ކާމިޔާބީތަކެއް ހޯދި މަރަޑޯނާއަށް ކޯޗިން ކެރިއަރުގައި އަދި މާ ގިނަ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ.

ޔޫއޭއީގެ އަލް ވަސަލްއަށްވެސް ކޯޗު ކޮށްދިން މަރަޑޯނާ، އެގައުމުގައި ހޭދަކުރި މިއީ ދެވަނަ ސީޒަނެވެ.