ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގައި ޔޫތު ސިޓީ ވިމެންސްއިން ފަސޭހަ މޮޅެއް ހޯދި އިރު، ޓީމް ފްރެންޑްސް އަތުން ވިމެންސް ފުޓްބޯލް ކްލަބުން ހަނި މޮޅެއް ހޯދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ސީގެ މެޗުގައި ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް އަތުން ޔޫތު ސިޓީ ވިމެންސް މޮޅުވީ 12-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ޔޫތު ސިޓީ ވިމެންސްއިން ޖެހި 12 ލަނޑުގެ ތެރެއިން އާމިނަތު ނަޒްރާއާއި މައީޝާ އަބްދުލް ހަންނާނު، އެއިން ކޮންމެ ކުޅުންތެރިޔަކު ފަސް ލަނޑު ކާމިޔާބުކުރިއެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ހުސްނާ މުހައްމަދާއި ޝަމްސިއްޔާ އަލީއެވެ.

ރޭ ކުޅުނު އެ ގްރޫޕުގެ އަނެއް މެޗުގައި ޓީމް ފްރެންޑްސް އަތުން ވިމެންސް ފުޓްބޯލް ކްލަބު މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވިމެންސް ފުޓްބޯލް ކްލަބުން ޖެހި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އާމިނަތު ޝާމިލާއެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ދެ މެޗެއް މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. ގްރޫޕް ޑީގައި މިރޭ 8:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކަނބަލުންނާއި އެން3 ކަނބަލުންނެވެ. އަދި މިރޭ 9:00ގައި ކުޅޭ އެ ގްރޫޕުގެ މެޗުގައި ބައްދަލުކުރާނީ ޓީމް ފިސާރި އެފްސީއާއި އެން2 ކަނބަލުންނެވެ.

ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.