28 Apr 2018, 10:53
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގައި ތަފާތު ބޮޑު ނަތީޖާއަކުން ސަން އެފްސީ (Son FC) ބަލިކޮށް، މ. ދިއްގަރަށް ނިސްބަތްވާ ކްލަބު އޭކްސް (Club Axe) އިން ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރޭ ކުޅުނު އެ މެޗުގައި ސަން އެފްސީގެ މައްޗަށް ކްލަބު އޭކްސް ކުރި ހޯދީ 12-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ކްލަބު އޭކްސްއިން ޖެހި 12 ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިބްރާހިމް ހަސީބާއި އިސްމާއިލް ނާޝިދާއި ޔަޒްދާން އިބްރާހިމް، އެއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބުކުރިއެވެ. އެޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން ސައީދާއި އަލީ ހަމްޒަތު އަދި ލޫތު އިބްރާހީމެވެ.
އެ މުބާރާތުގައި އިއްޔެ ހެނދުނު ކުޅުނު މެޗުތައް ކާމިޔާބުކުރީ ޓީމް ރުކް ރުކް ރުކްއާއި، ހަލަބޮލި ފުޓްސަލް ޓީމާއި، އެންއެފްޓީ އަދި ފްލެޓް 7 އެވެ. އިއްޔެ ހަވީރު ކުޅުނު މެޗުތައް ކާމިޔާބުކުރީ ފްލެޓް ވީއެންޑީޕީއާއި، ހިތާދޫ ފުޓްސަލް ޓީމާއި، ކްލަބު ސިވިކް އަދި ޓިނު އެފްސީއެވެ. ކްލަބު އޭކްސްގެ އިތުރުން ރޭ ކުޅުނު މެޗުތައް ކާމިޔާބުކުރީ އެފްސީ ހަނދާއި، ކްލަބު ގްރީން ސްޓްރީޓްސް އަދި ޓީމް ބީވައިއެސްސީއެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަދު ހެނދުނާއި ހަވީރު އަދި ރޭގަނޑު ވެސް މެޗުތައް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހެނދުނު ހަ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، ހަވީރު ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އަދި މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަތަރު މެޗެވެ.
ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.