އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ފ. ނިލަންދުއާއި ދ. ކުޑަހުވަދޫ އެއްވަރުވި އިރު، ގްރޫޕް ދޭއްގައި އއ. މާޅޮހާއި ށ. ފޯކައިދޫ ކުޅުނު މެޗުވެސް އެއްވަރު ވެގެން ނިމިއްޖެއެވެ.

ފ. ނިލަންދޫ ދަނޑުގައި، އެ ރަށާއި މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމު ކުޑަހުވަދޫ ވާދަކުރި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ނިލަންދޫގެ އާދިލް އަލީގެ ގޯލުން އެޓީމު ލީޑު ނެގި ނަމަވެސް، ހާފުގެ ފަހު މިނެޓުގައި ކުޑަހުވަދޫން ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލް ކުޑަހުވަދުއަށް ކާމިޔާބުކޮށްދިނީ އަހުމަދު ސަބީނެވެ.

މި ނަތީޖާއާއެކު ކުޅުނު ތިން މެޗުން ފަސް ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ނިލަންދުއެވެ. ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާއެކު ކުޑަހުވަދޫ އޮތީ ތިންވަނައިގައެވެ. ނިލަންދުއާއި ކުޑަހުވަދުއަށްވެސް ގްރޫޕް ސްޓޭޖުގައި ދެން ބާކީ އޮންނާނީ އެންމެ މެޗެކެވެ. ދެވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ސ. ހިތަދުއެވެ. ސ. ހިތަދުއަށް ދެވަނަ ލިބެނީ ތިންވަނައިގައި އޮތް ކުޑަހުވަދުއަށްވުރެ ފައިދާ ގޯލެއްގެ ތަފާތުންނެވެ.

ގްރޫޕް ދޭއްގެ އެއްވަނައިގައި އޮތް މާޅޮހާއި ދެވަނައިގައި އޮތް ފޯކައިދޫ އިއްޔެ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ.

މިހާތަނަށް ކުޅުނު ތިން މެޗުން ފޯކައިދުއާއި މާޅޮހަށްވެސް ލިބެނީ ހަތް ޕޮއިންޓެވެ. މާޅޮސް އެއް ވަނައިގައި އޮތީ ގޯލްގެ ތަފާތުންނެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމަށްވެސް ދެން ބާކީ އޮންނާނީ އެންމެ މެޗެކެވެ.

އެ ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކުގެ ތެރެއިން ބ. ފެހެންދުއަށް ދެ މެޗުން ލިބެނީ ތިން ޕޮއިންޓެވެ. ގްރޫޕް ސްޓޭޖުގައި ފެހެންދުއަށް ބާކީ އަދި ދެ މެޗު އޮތް އިރު، އަމިއްލަ ބާރު ނެތް ނަމަވެސް ސެމީއަށް ދިއުމުގެ އުންމީދު އެބައޮތެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ހއ. މުރައިދުއާއި އދ. ފެންފުށިން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާ އިރު، އެ ދެ ޓީމުވެސް ވަނީ ކަޓައިފައެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ފ. ނިލަންދުއާއި، ތ. ތިމަރަފުއްޓާއި، ދ. ކުޑަހުވަދުއާއި، ގދ. ހޯނޑެއްދޫ އަދި ސ. ހިތަދުއެވެ. ގްރޫޕް އެކެއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނިލަންދޫގައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ށ. ފޯކައިދުއާއި، އދ. ފެންފުއްޓާއި، އއ. މާޅޮހާއި، ހއ. މުރައިދޫ އަދި ބ. ފެހެންދޫއެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.

ދެ ގްރޫޕުގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގައި ގްރޫޕް އެކެއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ގްރޫޕް ދޭއްގެ ދެވަނަ ހޯދާ ޓީމު ނުކުންނަން ޖެހޭ އިރު، ގްރޫޕް ދޭއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ގްރޫޕް އެކެއްގެ ދެވަނަ ހޯދާ ޓީމެވެ. ސެމީން ޖާގަ ހޯދާ ހަތަރު ޓީމަށްވެސް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ދެ މެޗު މިއަދުވެސް އޮންނާނެއެވެ. ގްރޫޕް އެކެއްގައި ތ. ތިމަރަފުށިން، ގދ. ހޯނޑެއްދުއާ ދެކޮޅަށް ނުކުންނަ އިރު، ގްރޫޕް ދޭއްގެ މެޗުގައި އދ. ފެންފުށި ނުކުންނާނީ ހއ. މުރައިދުއާ ދެކޮޅަށެވެ.