28 Apr 2018, 12:00
މޯލްޑިވިއަން އައިޑަލްގައި ރޭ ފެނިގެން ދިޔައީ ގަދަ ފަހެއްގެ ހުށަހެޅުންތަކެވެ.
ކޮންމެ ބައިވެރިއަކުވެސް ދެ ލަވަ ހުށަހަޅާފައި ވާއިރު ފުރަތަމަ ލަވައަކީ ފޭން ޗޮއިސްއަށް ކިޔައިފައިވާ ލަވަތަކެވެ. މި ފަސް ލަވަ ވެސް ވަރަށް ހިތްގައިމެވެ. އެހެން ރޭރެއަށް ވުރެ ބައިވެރިންގެ ލަވަތައް ރަނގަޅެވެ.
ބައިވެރިންގެ ފުރަތަމަ ފަސް ހުށަހެޅުން "ފޭން ޗޮއިސް" އަށް ދޫކޮށްލާފައިވާއިރު ބައިވެރިން ތިބީ އެ ލަވަތަކާ މެދު ވަރަށް ހިތްހަމަ ޖެހިފައެވެ.
ފޭން ޗޮއިންސްގެ އިތުރުން ރޭގެ ޝޯގައި ދެން ބައިވެރިން ލަވަ ހުށަހަޅައިދީފައިވަނީ "އިންސްޕަޔަރިންގް" ތީމް އަށެވެ.
ދެން އޮތީ އަނެއްކާ ވެސް އެލެމިނޭޝަން ނައިޓެވެ. އެހެން އެލިމިނޭޝަން ޝޯތަކާ ހިލާފަށް މިރެއަކީ ކޮންމެވެސް ދެ ބައިވެރިއަކު ޝޯއިން ކަޓާނެ ރެއެކެވެ. އަދި މިރޭ ގަދަ ތިނެއް ކަށަވަރުވާނެއެވެ.
މިހާރު އައިޑަލްގެ ދަތުރުގައި ތިބި ބައިވެރިންނަކީ މަރިޔަމް މައީޝާ، އައިޝަތު އަޒަލް، ސައިނާ މުހައްމަދު، ތަސްލީމް އަބްދުލްކަރީމް އަދި ނައުޝާދު އަބްލުއްލަތީފެވެ.
ގަދަ ފަހަކަށް ބަލާއިރު މިހާރު ތިބީ ދެ ފިރިހެން ބައިވެރިންނާ ތިން އަންހެން ބައިވެރިންނެވެ. ކުރީ ދެ ސީޒަނާ ހިލާފަށް މި ފަހަރުގެ ގަދަ ފަހެއްގައި އަންހެން ބައިވެރިން ގިނަ ކަން ފާހަގަކޮށްލެވެއެވެ. މި ފަހަރު އައިޑަލްގެ ގަދަ ތިން ވަނަގައި ވާދަ ކުރާނީ ތިން ކަނބަލުން ބާވައެވެ؟ ގައިމުވެސް ފިރިހެން ބައިވެރިންގެ ހުށަހެޅުންތައް ވަކި ދެރައެއް ނޫނެވެ. ގަދަ ތިނަކީ ކޮން ތިން ބައިވެރިންނެއްތޯ ބަލާލުމަށް މިރެއަށް އިންތިޒާރުކޮށްލާށެވެ.