ރާއްޖޭގައި ދެން ހިނގާނީ ރައީސް ޔާމީންގެ ފިކުރު ކަމަށާއި އެ ފިކުރު ރާއްޖެއިން ނައްތާނުލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"މަމެން ރައީސް ޔާމީނާއެކު" ގެ ނަމުގައި ތ. ވޭމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ގައުމިއްޔަތުގެ އާ ބާބެއް ރައީސް ޔާމީން ރާއްޖެ އަށް ގެންނަވައިފި ކަމަށެވެ.

ރައީސް ޔާމީނަކީ ދިރިހުރި ބަތަލެއްގެ ގޮތުގައި މިނިސްޓަރު ސައީދު ވަނީ ސިފަކުރައްވައިފައެވެ. އަދި ރާއްޖޭގެ ވެރިކަންކުރައްވަނީ ދިރިހުރި ބަތަލަކަށްވުމަކީ ދިވެހިންގެ ނަސީބު ކަމަށް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރައްވަނީ ހަމަހަމަކަމާއެކު ކަމަށެވެ.

"ގާތަސް ދުރަސް ކުޑަޔަސް ބޮޑަސް، ގާނޫނުއަސާސީގެ ކުރިމަތީގައި ގާނޫނުތަކުގެ ކުރިމަތީގައި އެންމެން ވާނީ ހަމަހަމައޭ. ހަމަހަމަ އިންސާފުވެރި ކަމެއް އެ މަނިކުފާނު ކުރައްވަމުން އެ ގެންދަވަނީ،" ސައީދު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަނީ ބޭރުގެ އިސްތިއުމާރުގެ ދަށަށް ރާއްޖެ ގެންދިއުމަށް ކަމަށާއި ތަރައްގީއަށް އިިކޮޅު ކޯލިޝަނުން ޖާގަ ނުދޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކެއް ފެބްރުއަރީ ގައި ކުރި މަސައްކަތަކީ ތިން ބޭފުޅެއްގެ ބޭނުން ހިފައިގެން، ރާއްޖެ އިސްތިއުމާރީ ބާރެއްގެ އަތްމައްޗަށް ދޫކޮށްލަން ކުރި މަސައްކަތެއް ކަމަށެވެ. އަދި މިނިވަން ކަމާއި އިސްތިގުލާލަކީ ކިހާވަރެއްގެ އެއްޗެއްތޯ އެނގިގެން ދިޔައީ އެކެއް ފެބްރުއަރީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާ އަށް ފަހު ގައުމިއްޔަތުގެ އާބާބެއް ރައީސް ޔާމީން ލިޔުއްވައިފި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.