28 Apr 2018, 11:29
އެންތަނީ ރުސޯ އަދި ޖޯއީ ރުސޯ ޑައިރެކްޓްކޮށް އުފައްދާ ފިލްމު "އެވެންޖާސް އިންފިނިޓީ ވޯ" ޝްވެކް ސިނަމާގައި ރޭ ޕްރިމިއާ ކޮށްފިއެވެ.
ހުޅުމާލެ ޝްވެކް ސިނަމާގައި ރޭ ފިލްމު ޕްރިމިއާކޮށްފައިވާއިރު ގިނަ އަދަދެއްގެ ޒުވާނުން ވަނީ ފިލްމު ބެލުމަށް ވަދެފައެވެ. މާވެލް ސްޓޫޑިއޯ އާއި ވޯލްޓް ޑިޒްނީ މޯޝަން ޕިކްޗާސް ގުޅިގެން ގެނެސްދޭ އެ ފިލްމަކީ އެމެރިކަން ސުޕަހީރޯ ފިލްމެކެވެ.
ފިލްމު ބަލާފައި ނުކުތް ބައެއް މީހުންނާ ސުވާލުކޮށްލުމުން ބުނީ މިވަރުގެ ފިލްމެއް ނެތް ކަމަށެވެ.
"މިއީ އެއްވަނައިގެ ސުޕަހީރޯ ފިލްމެއް. އަސްލު މިއީ ފިލްމަކީ. ވަރަށް ރާވާލައިގެން ގެނެސްދީފައި އެހުރީ ފިލްމު،" ފިލްމު ބަލާފައި ނުކުތް ޒުވާނެއް ބުންޏެވެ.
ތިންސަތޭކަ އާއި 400 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ބަޖެޓަކުން އުފައްދާފައިވާ އެ ފިލްމަކީ 2015 ވަނަ އަހަރު ނުކުތް "އެވެންޖާސް އޭޖް އޮފް އަލްޓްރަން"ގެ ސީކުއަލް އެކެވެ.
"ވަރަށް އިންޓްރަސްޓިން. ސަތޭކައިގެ ފިލްމެއް. ބަލަން ޖެހޭ ވަރުގެ ފިލްމެއް މިއީ. ހަމަ ފިލްމު ތެރެއަށް ގޮސް ހުސްވެފައި އިނީ،" ފިރހެން ކުއްޖެއް ބުންޏެވެ.
ފިލްމުގެ ޓިކެޓް ޝްވެކް ސިނަމާއިން މިހާރު ލިބެން ހުންނާނެއެވެ.