28 Apr 2018, 10:39
ގިނަ ބައެއްގެ ތެރޭގައި މަގުބޫލު ވެގެންދިޔަ ސްޓޮޕް މޯޝަން އެނިމޭޓެޑް ކޮމެޑީ ފިލްމު، "ޗިކަން ރަން"ގެ ދެވަނަ ފިލްމެއް ހަދަމުން އަންނަ ކަމަށް އެ ފިލްމު ޕްރޮޑިއުސް ކުރި ސްޓޫޑިއޯ އިން ބުނެފިއެވެ.
ފާމެއްގައި ގެންގުޅޭ ކުކުޅުތަކެއް ކޮށައި، ޗިކަން ޕޮޓް ޕައި ތަކަކަށް ހެދުމަށް، ކުކުޅުތައް ގެންގުޅޭ ވެރިފަރާތުން ނިންމުމުން، އެކަމުން ސަލާމަތްވާން ފާމުގައި ގެންގުޅޭ ކުކުޅުތައް ކުރާ މަސައްކަތްތައް ދައްކުވައިދޭ އެ ފިލްމަކީ އޮސްކާ ހޯދާފައިވާ އިނގިރޭސިވިލާތުގެ ސްޓޫޑިއޯއެއް ކަމަށްވާ، އާދަމަންގެ ފިލްމެކެވެ.
އަދި އެއީ މިހާތަނަށް ސްޓޮޕް މޯޓަން އެނިމޭޝަން ފިލްމަކަށް ލިބުނު އެންމެ ބޮޑު އާމްދަނީ ލިބިފައިވާ ފިލްމެވެ. އެގޮތުން ބޮކްސް އޮފީހުގައި އެ ފިލްމަށް މިހާތަނަށް 222 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
އާދްމަން އެނިމޭޝަނުން "ޗިކަން ރަން"ގެ ދެވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން އިއުލާންކުރި ނަމަވެސް ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ނަމަވެސް އެ ފިލްމުގެ ދެވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައި މިވަނީ، އޮރިޖިނަލް ފިލްމު ރިލީޒް ކުރިތާ 18 އަހަރު ފަހުންނެވެ.
ހޮލީވުޑް ރިޕޯޓާއިން ބުނާގޮތުން، ޗިކަން ރަންގެ ދެވަނަ ފިލްމު ޑައިރެކްޓް ކުރާނީ 2012 ވަނަ އަހަރު ނެރުނު ފެންޓަސީ އެޑްވެންޗާ ކާޓޫން "ޕެރަނޯމަން" ގެ ޑައިރެކްޓަރު ސެމް ފެލްއެވެ.
އަދި "ޝައުން ދަ ޝީޕް"ގެ ޕައުލް ކިއުލީ ޕްރޮޑިއުސްކުރާ އެ ފިލްމުގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންނަކީ އާދްމަންގެ ކޯ ފައުންޑަރުން ކަމަށްވާ ޕީޓާ ލޯޑް އަދި ޑޭވިޑް ސްޕޮކްޓަންއެވެ.
ނަމަވެސް ފުރަތަމަ ފިލްމުގައި އޮރިޖިނަލް ކާސްޓުންގެ ތެރެއިން، ޖިންޖާއަށް އަޑުއަޅައިދިން ޖޫލިއާ ސަވޯލާ އަދި ރޮކީއަށް އަޑު އަޅައިދިން މެލް ގިބްސަން، ދެވަނަ ފިލްމާ ގުޅޭނެ ކަމެއް އަދި ނޭނގެއެވެ.