27 Apr 2018, 18:01
ޅ. އަތޮޅުގައި ހަދާ ލަގްޒަރީ ފެންވަރުގެ "ކުޑަދޫ ޕްރައިވެޓް އައިލެންޑް" މިއަހަރުގެ ފަހުކޮޅު ހުޅުވާނެއެވެ. ކުޑަދޫ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓު އޮޕަރޭޓުކުރާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ތަރައްގީކުރާ ރިސޯޓެކެވެ.
ކުޑަދޫ ޕްރައިވެޓް އައިލެންޑް ހުޅުވަނީ "ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ބައި ހުރަވަޅި"ގެ ނަމުގައެވެ. ހުރަވަޅިއަކީވެސް ޅ. އަތޮޅުގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ހިންގާ ރިސޯޓެކެވެ. ސައިޒުގައި ތިން ހެކްޓަރު ހުންނަ ކުޑަދޫ އޮންނަނީ ހުރަވަޅިއާ ޖެހިގެންނެވެ.
ކުޑަދޫގައި ތަރައްގީކުރާ ޕްރައިވެޓް ރިސޯޓުގައި ފަސް ތަރީގެ 15 ވޯޓާ ވިލާ ހުންނާނެއެވެ. މިއިން ކޮންމެ ވިލާއަކީ އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ ރެޒިޑެންސްތަކެެކެވެ.

ޅ. އަތޮޅުގައި ތަރައްގީކުރާ ކުޑަދޫ ޕްރައިވެޓް އައިލެންޑް ބައި ހުރަވަޅި
ކޮންމެ ރެޒިޑެންސަކަށްވެސް ބަޓްލާ ސާވިސް ލިބޭނެއެވެ. އަދި ކޮންމެ ވިލާއެއްގައި އިންފިނިޓީ ޕޫލެއްގެ އިތުރުން ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ފަރުނީޗަރާއި، އެންމެ ފަހުގެ އިލެކްޓްރޯނިކް ސާމާނާއި، ފުލީ އޮޓޮމޭޓެޑް ލައިޓު ސިސްޓަމަކާއި އައިމެކް ކޮމްޕިއުޓަރެއްގެ އިތުރުން އައިޕީޓީވީގެ ޚިދުމަތް ލިބޭނެއެވެ.
ބޮޑެތިމީހުންނަށް ޚާއްސަކޮށްގެން ތަރައްގީކުރާ، އަދި ޖަޕާނުގެ އާކިޓެކްޓް ޔޫޖީ ޔަމަސާކީގެ ޑިޒައިނަކަށް ހަދާ މި ރިސޯޓުގައި އެކްސްކްލޫސިވް ރެސްޓޯރަންޓެއް ހުންނަ އިރު، ހުރަވަޅީގެ ތިން ރެސްޓޯރަންޓުގެ ތެރެއިން ރެސްޓޯރަންޓަކުން ކެއުމަށް އިންސާފުކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ޅ. ކުޑަދޫގައި ތަރައްގީކުރަމުންދާ ޕްރައިވެޓް އައިލެންޑުގެ އިތުރުން ތިން ރިސޯޓެއް އެ އަތޮޅުގައި ހިންގައެވެ. އެއީ ހުރަވަޅި މޯލްޑިވްސް، ކުރެއްދޫ އައިލެންޑް ރިސޯޓު އަދި ކޮމަންޑޫ އައިލެންޑް ރިސޯޓެވެ.