އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ތ. ވޭމަންޑޫގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ވޭމަންޑޫގައި އިއްޔެ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމްއެވެ.

އެލް.އީ ޓްރިވެނީ ޖޭވީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރު ޖޫން މަހުއެވެ.

ވޭމަންޑޫގައި ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަރަންމަންޓު މިނިސްޓްރީ

ތިރީސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ އެ މަޝްރޫއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 550 ދުވަހެވެ.

އެ މަޝްރޫޢުގެ ދަށުން ތ. ވޭމަންޑޫގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއިއެކު އެ ނިޒާމް ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އެއް ޤާއިމު ކުަރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.