01 Sep 2011, 17:31
ޕިކްނިކް އައިލެންޑްގެ ގޮތުގައި ޓޫރިސްޓުން ޗުއްޓީ ހޭދަ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތައް، އެޑްވާންސްގެ ގޮތުގައި ސަރުކާރަށް ތިން މިލިއަން ޑޮލަރު ދެއްކުމުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ނިންމާފައި ވަނީ ސަރުކާރުގެ ފަސް ޕަސެންޓާ އެކު ޖޮއިންޓް ވެންޗާއެއްގެ ގޮތުގައި 50 އަހަރަށް އެ ރަށްތައް ރިސޯޓަށް ބަދަލު ކުރުމުގެ ފުރުސަތު ދިނުމަށެވެ.
ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ މިއަދު ވިދާޅުވީ "އެ ނިންމުމަކީ މިހާރު ޕިކްނިކް ރަށްތަކުގައި ހުރިތަން ލީގަލައިޒު" ކުރެއްވުމުގެ ގޮތުން ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ފުރުސަތު ދެވޭނީ ފެށުމަކަށް ތިން މިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވާ ފަރާތްތަކަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރަށް ރަށުން ޖުމްލަކޮށް ސަރުކާރަށް ދައްކަން ޖެހޭނީ ހަތަރު މިލިއަން ޑޮލަރު ކަމަށާއި އެހެން ނަމަވެސް އެ ރަށެއް މާލެ އާ އޮންނަ ކައިރި ދުރުމިނެއްގެ ގޮތުން ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުޓާޓިން ޕޮއިންޓަކީ ތިން މިލަން ޑޮލަރު،" ޒުލްފާ ވިދާޅުވި އެވެ.
ވަޒީރުންގެ މަޖިލީހުން ނިންމައި ސަރުކާރުގެ ރަސްމީ ގެޒެޓުގައި އިއުލާންކޮށްފައިވާ ޕިކްނިކް އައިލެންޑްގެ ގޮތުގައި ދޫކޮށްފައިވާ ތަންތަން ރިސޯޓަށް ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން 90 ދުވަހުގެ ތެރޭގައި ސަރުކާރަށް ހުށަހަޅަން ޖެހެ އެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމުމުގައިވާ ގޮތުން ރިސޯޓްކަށް ބަދަލު ކުރަން ބޭނުން ނުވާ، ޕިކްނިކް ރަށްތަކަށް އެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. ނަމަވެސް އެފަދަ ތަނެއް މިހާރު ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން އަލުން ބީލަށް ލުމަށް ނިންމާފައިވެ އެވެ.
ޒުލްފާ ވިދާޅުވީ މިހާތަނަށް ވެސް ވަރަށް ގިނަ ޕިކްނިކް އައިލެންޑަތަކުން ރިސޯޓަށް ބަދަލުކުރުމަށް ހުށަހަޅަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ތަންތަން ރިސޯޓްތަކަށް ބަދަލު ކުރުމަށް ފަހު ދެން ޕިކްނިކް އައިލެންޑްގެ ނަމުގައި އިތުރު ރަށަށެއް ކުއްޔަކަށް ނުދެއްވާނެ އެވެ.
ސަރުކާރާ އެކު ޖޮއިންޓްވެންޗާ ހަދައިދޭނީ، ވަޒީރުންގެ މަޖިލީހުން ބުނި ގޮތުގައި، ސަރުކާރަށް ބަރާބަރަށް ފައިސާ ދައްކާފައިވާ ރަށްށަށެވެ.
ގެޒެޓްގައިވާ ގޮތުން ޖޮއިންޓްވެންޗާ އެގްރީމަންޓްގައި ސޮއި ކުރުމުގެ ކުރިން އެއް މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހެ އެވެ. ބާކީ ފައިސާ 12 މަހަށް ބަހާލައިގެން ދެއްކި ދާނެ ކަމަށް ވެސް، ވަޒީރުންގެ މަޖިލީހާ ހަވާލާދީ، ގެޒެޓްގައިވެ އެވެ.