27 Apr 2018, 15:13
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، މަޒީނޯ އެފްސީއާއި ކްލަބު ރޮކް ސްޓްރީޓްސްވެސް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރޭ ލިނިއޭޖް ކްލަބުގެ މައްޗަށް މަޒީނޯއިން ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ.
މެޗުގައި މަޒީނޯގެ ތިން ގޯލްގެ ތެރެއިން ދެ ގޯލް އަހުމަދު އައްޒާމް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ އިބްރާހީމް އަރީފެވެ.
ލިނިއޭޖްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ހުސައިން އަހުސަނެވެ.
ރޭ ރޮކް ސްޓްރީޓްސްއިން ކޮޕައިންސް އެފްސީ ބަލިކުރީވެސް 3-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރޮކް ސްޓްރީޓްސްގެ ގޯލްތައް ޖަހައިދިނީ އަހުމަދު އަރީޝް، އަބްދުﷲ އަލީ އަދި މުހައްމަދު ނާފިއެވެ. ކޮޕައިންސްގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އާދަމް ފަރުހާނެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އެލްއެފް އިން ވަނީ 4-2ގެ ނަތީޖާއަކުން ޑާކް ޕާކް ބަލިކޮށްފައެވެ. މީގެ އިތުރުން ސިކްސް ސިގްމާއި ޓީމު ޔަންގް ޖެނަރޭޝަން ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. އަދި ނެމެސިސްއިން ފަރުމަތި ބަލިކުރީ 4-3ގެ ނަތީޖާއަކުންނެވެ.
ރޭ ވަނީ މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗެއްވެސް ކުޅެފައެވެ. ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި އުރީދޫއާއި ގާޒީ ސްކޫލް ވާދަކުރި މެޗު، އުރީދޫން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗުތަކުގެ ތެރެއިން --- ފޮޓޯ/ ޔޫތު ސިޓީ ފުޓްސަލް ކަޕް
އުރީދޫގެ ގޯލްތައް އެޓީމަށް ކާމިޔާބުކޮށްދިނީ ފާތިމަތު ޝަފްނާގެ އިތުރުން މަރިޔަމް ޝަފާ ޝަފީގު އަދި އަރުޝީ މުހައްމަދެވެ.
ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަންހެން ޑިވިޝަންގެ މެޗެއް ރޭ ކުޅެފައެއް ނުވެއެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.
ޔޫތު ސިޓީ ފުޓްސަލް ކަޕްގެ މެޗުތައް މިއަދު ހެނދުނާއި ހަވީރުގެ އިތުރުން މިރޭވެސް ކުރިއަށްދާނެއެވެ.