ރޯދައަށް ތައްޔާރުވުމަށް ޝައުބާންމަހުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް މިއަދުގެ ހުތުބާގައި ގޮވައިލައިފިއެވެ.

މިއަދުގެ ހުތުބާގައި އަލިއަޅުވާލައިފައިވަނީ ޝައުބާން މަހުގެ މުހިންމުކަމުގެ މައްޗަށެވެ. އެގޮތުން އެ މަސް އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ހާއްސަ ކަމަށާއި، އޭގެ ތެރޭގައި އެ މައްސަރު ރަމަޝާން މަހަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ މައްސަރަކަށް ވުން ހިމެނޭކަމަށް ހުތުބާގައި ބުނެފައިވެއެވެ.

" ޝައުބާންމަހުގެ ހަނދު ފެނުމާއެކު ރަމަޟާންމަހުގެ މާތްކަމާއި އެ މައްސަރުގެ މަތިވެރިކަމާއި ރޯދައާއި ހެޔޮ އަމަލުތަކާއި ބަރަކާތް ކޮންމެ މުސްލިމެއްގެ ހިތަށް ވަދެގެން ދެއެވެ. ބަރަކާތާއި ރަހުމަތުން ފުރިގެންވާ މޫސުމަކަށް ރަމަޟާން މަސް ވާތީއެވެ." މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

ރަމަޟާންމަހު ގަދައަޅައި މަސައްކަތްކުރުމަށް ލިބިދެވޭ އަޅުކަމުގެ ތަމްރީނެއް ކަމުގައި ޝައުބާން މަސް ވާ ކަމަށްވެސް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ صلی اللہ علیہ وسلم، ރަމަޟާން މަހަށްފަހު އެންމެ ގިނައިން ރޯދަ ހިއްޕަވަނީ ޝައުބާން މަހުގައި ކަމަށާއި އަދި ބައެއް ފަހަރު މުޅި ޝައުބާންމަހު ރޯދަ ހިއްޕަވާ ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

ސިއްހީގޮތުންނާއި އުމުރުގެ ގޮތުން އެކި މީހުންނަށް އަޅުކަން ކުރުމުގެ ހާލަތު ތަންދޭވަރު ތަފާތު ކަމަށާއި އަދި އެހެންކަމުން އެމީހަކަށް ކުޅަދާނަވީވަރަކުން ހެޔޮއަމަލު ކުުރުމަށްވެސް މިއަދު ހުތުބާގައި ގޮވާލައިފައިވެއެވެ.