"ބަނޑޭރި ޕޯޓަލްއިން" ވެންޑަރ ޕޭމަންޓް ސްޓޭޓަސް އަދި ވެންޑަރ ޕާޗޭސް އޯޑަރ އޮންލައިންކޮށް ބެލޭނެގޮތް ފިނޭންސް މިނިސްޓްރީން ހަދައިފިއެވެ.

"ބަނޑޭރި ޕޯޓަލް" އަކީ ދައުލަތުގެ މާލީ ނިޒާމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އަވަސްކުރުމުގެ ގޮތުން، ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޒަރީއާ ދެމެދު ކުރާ ފައިސާއާ ބެހޭ މުއާމަލާތްތައް އިލެކްޓްރޯނިކް ޒަރީއާއިން ކުރުމަށް އުފައްދާފައިވާ ޕޯޓަލް އެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ "ވެންޑަރ ޕޭމަންޓް ސްޓޭޓަސް އޮންލައިންކޮށް ބެލުމަށް ވެންޑަރ އައިޑީ އަދި އިންވޮއިސް ނަންބަރުތައް ޖެހުމަށްފަހު "ޗެކް ސްޓޭޓަސް" އަށް ކްލިކް ކޮށްލެއްވުމުން އިންވޮއިސް ނުވަތަ އިންވޮއިސްތަކުގެ ސްޓޭޓަސް، ސްޓޭޓަސް ބަދަލުވި ތާރީޚާއި އެކު ތަފްޞީލް ފެންނާނެ" ކަމަށެވެ.

ވެންޑަރ ޕާޗޭސް އޯޑަރ އޮންލައިންކޮށް ބެލުމަށް " ޕާރޗޭސް އޯޑަރ ނަންބަރ އަދި ޕާރޗޭސް އޯޑަރ އަމައުންޓް ޖެއްސެވުމަށްފަހު " ޗެކް ސްޓޭޓަސް" އަށް ކްލިކް ކޮށްލެއްވުމުން އިންވޮއިސް، އިންވޮއިސްތަކުގެ ސްޓޭޓަސް، ސްޓޭޓަސް ބަދަލުވި ތާރީޚާއި އެކު ތަފްޞީލް ފެންނަން" ހުންނާނެ ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

މި އަހަރުގެ ކުރީކޮޅު ވުޖޫދަށް އައި "ބަނޑޭރި ޕޯޓަލް"އާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، އެ ޕޯޓަލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއާއެކު ކުރެވެމުންދާ މުއާމަލާތްތައް އަވަސްކުރެވި ޖުމްލަކޮށް މުޅި ދައުލަތުގެ މާލީ ނިޒާމުގެ ހިންގުން އަވަސްވެ، ހަރުދަނާވެ، ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.