ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އެތުލެޓިކޯ މެޑްރިޑުން އާސެނަލްގެ ދަނޑުގައި އެޓީމު ހިފަހައްޓައިފިއެވެ.

އެމިރޭޓްސް ދަނޑުގައި ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ 10 މިނެޓް ތެރޭގައި ސިމޭ ވެރިސަލްކޯ ހޯދި ދެ ރީނދޫ ކާޑާއެކު އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައިވާ އިރު، އެކަމާ ދެކޮޅަށް ރެފްރީއާ ޖަދަލުކުރުމުގެ ސަބަބުން އެތުލެޓިކޯގެ ކޯޗު، ޑިއޭގޯ ސިިމިއޯނީވެސް ވަނީ ބެންޗުން ފޮނުވާލައިފައެވެ.

މެޗުގެ ކުރީ ކޮޅުގައި އާސެނަލްގެ އެލެޒެންޑްރާ ލަކަޒެޓާއި ޖެކް ވިލްޝެއާއަށް ލިބުނު ހަމަލާތައް ފާހަގަކޮށްލެވުނެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ އެތުލެޓިކޯއިން ކުޅެމުން ދިޔައީ ޓީމު ފަހަތަށް ޖެހި ކައުންޓާ އެޓޭކަށް ވިސްނައިގެންނެވެ. އެގޮތުން ފުރަތަމަ ހާފްގައި އެތުލެޓިކޯގެ ތޯމަސް ޕާޓޭ ކުރިއަށް ވަދެ ގްރީޒްމަންއަށް ތަނަވަސްކޮށްދިން ފުރުސަތުގައި އޭނާ ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް ހުރަހަކަށްވީ އާސެނަލްގެ ކީޕަރު ޑޭވިޑް އޮސްޕީނާއެވެ.

އާސެނަލްއާއި އެތުލެޓިކޯ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓަމުން ކުޅުނު އާސެނަލުން ލީޑު ނެގީ 61 ވަނަ މިނެޓުގައެވެ. ވިލްޝެއާގެ ހުރަސް ލަކަޒެޓް ބޮލުން ގޯލަށް ފޮނުވާލީ ފަސޭހަ ކަމާއެކުގައެވެ.

ގޯލަށް ފަހުވެސް ޕާސިން ފުޓުބޯޅައެއް ކުޅެމުން ދިޔަ އާސެނަލް ކޮޅަށް އެތުލެޓިކޯއިން ގޯލް ޖެހީ މެޗުގެ 82 ވަނަ މިނެޓުގައެވެ. ދިގު ބޯޅައަކަށް ދުވެ، އާސެނަލްގެ ޑިފެންޑަރު ލޮރެންޓް ކޮޝިއެލްނީ ކައިރިން ނައްޓާލުމަށްފަހު އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގްރީޒްމަންއެވެ.

އާސެނަލްއާއި އެތުލެޓިކޯ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް އަނެއް މެޗުގެ ފުރަތަމަ ލެގުވެސް ރޭ ވަނީ ކުޅެފައެވެ. އެ މެޗުގައި މާސޭއިން އަމިއްލަ ދަނޑުގައި ރެޑްބުލް ސާލްސްބާގު ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގައެވެ.