Back
Nov 23, 2025 SUN
SUN

އިބްރަހިމޮވިޗް ވޯލްޑް ކަޕަށް ނުދާނެ

އިބްރަހިމޮވިޗް ވޯލްޑް ކަޕަށް ނުދާނެ
Lead photo

ސްވިޑެންގެ ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗް ވޯލްޑް ކަޕަށް ނުދާނެ ކަމަށް ސްވިޑެންގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނެފިއެވެ.

ގައުމީ ޓީމުން 2016 ވަނަ އަހަރު ރިޓަޔާކުރި އިބްރަހިމޮވިޗް ވޯލްޑް ކަޕަށް ދާނެ ކަމުގެ ފެހި ސިގްނަލް އޭނާ ކުރިން ދިން ނަމަވެސް ސްވިޑެންގެ އެފްއޭގެ ރައީސް ލާސް ރިޓްޗް ބުނެފައި ވަނީ ސްވިޑެންގެ ފުޓުބޯޅަ އިދާރާގެ ފަރާތުން އޭނާއާ ވާހަކަ ދެއްކި ކަމަށާއި، އިބްރަހިމޮވިޗް އެނބުރި ގައުމީ ޓީމަށް ނާންނާނެ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އިބްރަހިމޮވިޗް އެމެރިކާ ލީގުގެ އެލްއޭ ގެލެކްސީއަށް ބަދަލުވީ މިދިޔަ މަހުގައެވެ. ގެލެކްސީއާއެކު އޭނާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މިއަހަރު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕަށް ސްވިޑެން ކޮލިފައިވީ އިބްރަހިމޮވިޗް ނުލައެވެ. 2006 ވަނަ އަހަރު ވޯލްޑް ކަޕް ކުޅުމަށްފަހު އޭގެ ފަހުން ދެ ވޯލްޑް ކަޕަށްވެސް ސްވިޑެން ކޮލިފައިވެފައެއް ނުވެއެވެ. އިބްރަހިމޮވިޗް ވަނީ ސްވިޑެންއާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކުޅެފައެވެ.

ޒްލަޓަން އިބްރަހިމޮވިޗް ސްވިޑަން ގައުމީ ޓީމަށް ކުޅެފައިވަނީ 2001 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށެވެ. އެ މުއްދަތުގައި 116 މެޗުން ޖެހި 62 ގޯލާއެކު ޒްލަޓަންއަކީ ސްވިޑަން ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ސްވިޑަން ހިމެނެނީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ އިތުރުން މެކްސިކޯ އަދި ދެކުނު ކޮރެޔާއާ އެއް ގްރޫޕެއްގައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics