27 Apr 2018, 20:35
މިދިޔަ އަހަރު އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕަކީ ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުންގެ މެދުގައި މަގުބޫލު ބޭފުޅެއް ނޫނެވެ. އެގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ އާއި ޖަރުމަނުގެ ޗާންސެލަރު އެންގެލާ މާކެލް އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެ ދެ ލީޑަރުންނާއި ޓްރަމްޕާ ދެމެދު އޮތް ގުޅުން މާބޮޑަށް ރަނގަޅުވި މަންޒަރެއް ފެނިފައެއް ނުވެއެވެ.
ނަމަވެސް ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮންއާ ޓްރަމްޕާ ދެމެދު އޮންނަނީ އެސަރަހައްދުގެ އެހެން ލީޑަރުންނަށް ވުރެ ގާތް ގުޅުމެއް ކަމަށް ބެލެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ޓްރަމްޕް ވަނީ މެކްރޮންގެ ދައުވަތަށް ފްރާންސަށް ވަޑައިގެންފައެވެ. އަދި ސީރިއާއިން ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނެ، އެމެރިކާއިން ސީރިއާއަށް ދިން މިސައިލް ހަމަލާތަކުގައި އިނގިރޭސިވިލާތާއެކު ފްރާންސުން ބައިވެރިވެފައިވެއެވެ.
އެގުޅުން އިތުރަށް ބަދަހިވެގެން ދިޔައީ ހޯމަ ދުވަހު މެކްރޮން އެމެރިކާއަށް ކުރެއްވި ދަތުރުފުޅާއެކުއެވެ. ތިން ދުވަހަށް ދެމިގެންދިޔަ އެދަތުރުފުޅުގައި ޓްރަމްޕާއި މެކްރޮން، އަތާއި އަތް ގުޅާލައި، ކޮނޑާއި ކޮނޑު ޖައްސަވައި ބައްދާލާ މަންޒަރު ފެންނަ ފޮޓޯތައް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހޯދައިފައެވެ. އަދި ރައީސް ޓްރަމްޕް ވަނީ "ވަރަށް ގިނަ މައުޟޫއުތަކުގައި ދެބޭފުޅުންގެ ހިޔާލު އެއްގޮތް" ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ޕްރެސް ކޮންފަރެންސެއްގައި -- ފޮޓޯ: އޭއެފްޕީ
މެކްރޮންގެ ދަތުރުފުޅުގެ މައިގަނޑު މަގުސަދަކަށްވީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ ބެހޭ ގޮތުން ޓްރަމްޕް ދެކިވަޑައިގަންނަވާ ގޮތް ބަދަލު ކުރެއްވުމެވެ. ނަމަވެސް އެ މަގުސަދު ހާސިލު ނުކެރުވުނު ކަމަށާއި، އެމެރިކާއިން ނިއުކްލިއާ އެއްބަސްވުމުން ވަކިވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް މެކްރޮން ވަނީ ފަހުން ވިދާޅުވެފައެވެ.
މިދިޔަ ބުދަ ދުވަހު މެކްރޮން ދަތުރުފުޅު ނިންމަވާލެއްވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީރަކުންނެވެ. އެ ތަގުރީރާ ދިމާކޮށް ރައީސް ޓްރަމްޕް ވަނީ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރުމުގެ ފުރުސަތަކީ "އާއްމުކޮށް ނުލިބޭ ޝަރަފެއް" ކަމަށާއި، މެކްރޮން ދެއްވާނީ "ވަރަށް ވަރުގަދަ" ތަގުރީރެއް ކަމަށް ޓްރަމްޕްގެ ޓުވީޓެއްގައިވެއެވެ.
Busy day planned. Looking forward to watching President Macron of France address a Joint Session of Congress today. This is a great honor and seldom allowed to be done...he will be GREAT!
— Donald J. Trump (@realDonaldTrump)April 25, 2018
ޓްރަމްޕް ވިދާޅުވި ގޮތަށް މެކްރޮން ދެއްވީ ވަރަށް ވަރުގަދަ ތަގުރީރެކެވެ. ނަމަވެސް އެ ތަގުރީރުގައި މެކްރޮން ވަނީ ޓްރަމްޕްގެ ހުރިހާ މައި ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ޓްރަމްޕް ގެންގުޅުއްވާ 'އެމެރިކާ ފަސްޓް' ސިޔާސަތުގައި ހުރި އުނިކަންތައްތަކެވެ. އެ ސިޔާސަތުގެ ދަށުން އެމެރިކާ ދުނިޔޭގެ އެހެން ގައުމުތަކުން ވަކިވެގަނެ، ގައުމުގެ ބޯޑަރުތައް ބަންދު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަން މެކްރޮން ފާހަގަ ކުރެއްވިއެވެ.
"އަމިއްލަ ގައުމަކީ އެންމެ މޮޅު ގައުމުކަމަށް ދެކި، އެހެން ގައުމުތަކާ ދުރުވެ، ވަކިވެގަތުމަކީ ކުރެވިދާނެ ކަމެއް. އެއީ އަޅުގަނޑުމެން ބިރުގަންނަ ކަންތައްތަކަށް ވަގުތީ ހައްލެއް ގެނައުމަށް ކުރަން ބޭނުން ވެދާނެ ކަމެއް. ނަމަވެސް ގައުމުގެ ދޮރުތައް ލައްޕާލުމަކީ ދުނިޔެއަށް އަންނަ ބަދަލުތައް ހުއްޓުވޭނެ ގޮތެއް ނޫން. އޭގެ ސަބަބުން ރައްޔިތުންގެ ބިރު ކަނޑުވާލުމުގެ ބަދަލުގައި އިތުރުވާނީ. އަޅުގަނޑުމެން ތިބެންވީ ކުރިމަތިން ފެންނަ އާ ނުރައްކާތަކަށް ލޯ ހުޅުވައިގެން، އެކަމަށް ތައްޔާރުގެން،" މެކްރޮން ވިދާޅުވިއެވެ.
އަދި މެކްރޮން ވަނީ އެމެރިކާއިން މިދިޔަ އަހަރު ޕެރިސް ކްލައިމެޓް އެގްރިމެންޓުން ވަކިވުމަކީ 'ހަމަޖެހޭ ގޮތެއް ނޫން' ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ވަގުތީ ފައިދާއެއް ލިބުނު ނަމަވެސް، ދިގު މުއްދަތަށް ބަލާ ނަމަ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، 'ޕްލެނެޓް ބީ އެއް ނެތް ކަން ގަބޫލު ކުރަން ޖެހޭ' ކަމަށް މެކްރޮން ފާހަގަ ކުރެއްވިއެވެ.

ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ކޮންގްރެސްގައި -- ފޮޓޯ: ބްލޫމްބާގް
މީގެ އިތުރުން އޭނާ ވަނީ އެމެރިކާއަށް އީޔޫގެ ގައުމުތަކުން އިމްޕޯޓު ކުރާ މުދަލުން ނަގާ ޓެރިފްތައް ބޮޑުކުރުމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ގެއްލި، ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުގެ އެއްބަސްވުން އަނެއްކާވެސް ދިފާއު ކުރައްވައި، އާ އެއްބަސްވުމެއް ހެދެން ދެން މިހާރު އޮތް އެއްބަސްވުމަށް އަމަލު ކުރުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވޭނެ އެންމެ ރަނގަޅު ގޮތް ކަމަށް މެކްރޮން ވިދާޅުވިއެވެ.
މެކްރޮންގެ ފާޑުވިދާޅުވުންތަކާއެކު ވެސް، އެ ތަގުރީރު ނިންމަވާލެއްވީ ފްރާންސާއި އެމެރިކާގެ ދެމެދުގައި އޮތީ ވަރުގަދަ، ތާރީހީ ގުޅުމެއްކަން ފާހަގަ ކުރެއްވުމަށް ފަހުގައެވެ. އަދި މުސްތަގުބަލުގައިވެސް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެހެންކަމުން ޓްރަމްޕާއި މެކްރޮންގެ އެކުވެރިކަން މުސްތަގުބަލުގައިވެސް ފެނިގެންދާނެ ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.