ގައުމާއި ދީނުގެ ހައްގުގައި ވެރިކަންކޮށްދޭނެ ލީޑަރެއް އިދިކޮޅު ކޯލިޝަންގައި ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"އަހުންވެސް ރައީސް ޔާމީނާއެކު"ގެ ނަމުގައި ޕީޕީއެމުން ހއ. އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ އިހަވަންދުއަށް މިއަދު ވަޑައިގަތުމުން ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއިދު އެނގިގެން ދިޔަ ކަމަށާއި ބޮޑު ތިލަދުއްމަތިން ރައީސް ޔާމީން ހޮވަން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ލިބިގެންދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމިއްޔަތުގެ އެންމެ ބާރުގަދަ އަދި އެންމެ ވަރުގަދަ އަސާސަކީ އިސްލާމްދީން ކަމަށާއި ދެން އެންމެ މުހިންމު އެއްޗަކީ ދިވެހި ބަސް ކަމަށެވެ.

"އެންމެން އެބަޖެހޭ އަޒުމު އާލާކުރަން ގައުމިއްޔަތު ދިރުވުމަށްޓަކައި. ގައުމިއްޔަތު ދިރުވާ އާލާކުރެވޭނީ މާތްވެގެންވާ އިސްލާމްދީން އެއީ ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާ ކަމަށް ދެކިގެން ނުވަތަ އޭގެ މައްޗަށް ގައުމު ކުރިއަރާ ތަރައްގީއާ ތަހުޒީބު ވެގެންދާ އަސްލަކީ މާތްވެގެންވާ އިސްލާމްދީންކަން ގަބޫލުކޮށްގެން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތާއަބަދަށް ދިވެހީންގެ ދީނަކީ އިސްލާމްދީންކަމަށް ހެދުމަކީ ދިވެހިންގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ މިއަދު ރައީސް ޔާމީނަށް ކުރިމަތިވަމުންދާ އެންމެ ބޮޑު ގޮންޖެހުމަކީ ދީނީ ގޮތުން އެމަނިކުފާނަށް ކުރިމަތިވަމުންދާ ގޮންޖެހުން ކަމަށެވެ.

ރައީސް ޔާމީނަށް ބޭރުގެ ފިއްތުންތައް ކުރިމަތިވަނީ ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން އޮތުމަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކިތަންމެ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް އެމަނިކުފާނު ބާތިލް ދީން ތަކަށް އެއްވެސް ފުރުސަތެއް މި ގައުމުން ނުދެއްވާނެ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅު ލީޑަރުން ބޭނުންވަނީ މީގެ ކުރިން ރައީސް ކަމުގެ ދާނުން ލިބިފައި އޮތް އިއްޒަތާއި ލައްޒަތުގެ ސަބަބުން އަލުން އެ މަގާމަށް އައުމަށް ކަމަށެވެ. އެ ލީޑަރުންގެ ބޭނުމަކީ ފަހަރެއްގައިވެސް ރައްޔިތުންނަށް ހެޔޮވެރިކަން ކޮށްދިނުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމުގެ ހައްގުގައި ދީނުގެ ހައްގުގައި ރައްޔިތުންނަށްޓަކައި ވެރިކަންކޮށްދޭން ބޭނުންވާ އިދިކޮޅު ސިޔާސީ ފަރާތެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ދިވެހި ރައްޔިތުންނަށް އެބަ މަޖުބޫރުވޭ ކުރިއަށް އޮތް ދައުރަށް ރައީސް ޔާމީން އިންތިޚާބު ކުރަން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދޭން ޖެހެނީ ދީނާއި ގައުމުގެ ހައްގުގައި ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނާއި ރައީސް ޔާމީންގެ ފިކުރު ތަފާތުކޮށްދޭ ކަމަކީވެސް އެމަނިކުފާނަކީ ގައުމާއި ދީނުގެ ހައްގުގައި މަސައްކަތްކުރާ ބޭފުޅަކަށް ވުން ކަމަށް އަދުރޭ ވިދާޅުވިއެވެ.