ގުރާ ކޮށްޓެއް ހަދަނިކޮށް ގްރޭންޑަރެއްގެ ކަޓް އޯފް ވީލަކުން ޖެހި ކަނާތު ލޮލާއި މޫނުގެ ބައެއް ކަފައިގެން ދިޔަ ތ. ވަންދޫ ކައުންސިލްގެ މެންބަރު ހަސަން ރިޔާޒަށް އިތުރު ފަރުވާދިނުމަށް އިންޑިޔާ އަށް މިއަދު ގެންގޮސްފި އެވެ.

އީދު ދުވަހުގެ ހެނދުނު ގުރާ ކޮށި ހަދަނިކޮށް، ލޮލަށާއި މޫނަށް ލިބުނު ޒަހަމުތަކަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު މިއަދު މެންދުރުގެ ވަގުތެއްގައި އޭނާ އިންޑިއާ އަށް ގެންދިޔައީ ރާއްޖޭގައި ނިއުރޯ ސާޖަނު ނެތި، އޭނާ ފަރުވާ ދިނުމަށް ދަތިތަކެއް ދިމާވެގެން ކަމަށް ވަންދޫ ކައުންސިލުން ބުންޏެވެ.

ވަންދޫ ކައުންސިލްގެ މެންބަރު އަލީ ނިޒާމު މިއަދު ވިދާޅުވީ އެ ހާދިސާގައި ގްރޭންޑަރުގެ ތިލައިގެ ބައިތަކުން ޖެހި ހަސަން ރިޔާޒުގެ ލޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ވާއަތު ލޮލުގެ ފެނުމަށް ވެސް އަސަރުކޮށްފާނެ ކަމަށާއި ވީއެންމެ އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. ނަމަވެސް ބޭރަށް ގެންދިއުން ލަސްވީ މާލީ ގޮތުން ދަތިތަކެއް ދިމާވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒު އިންޑިޔާ އަށް ގެންގޮސްފައި ވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކުގައި ކަމަށާއި އެހީއަކަށް އެދި ސަރުކާރުގައި އެދުމުން 150 ޑޮލަރާއި ދެކޮޅު ޓިކެޓް ދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ވަންދޫ ކައުންސިލްގެ މެންބަރު ވިދާޅުވި އެވެ.

"އީދު ބަންދާއި ދިމާވެފައިވާތީ އެހީ ލިބުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފައި، ސަރުކާރުގެ އެހީ ލިބެން އަންނަކީ އާދީއްތަ ދުވަހު އަދި އެނޫން އެހީތައް ވެސް ލިބެން އަންނަނީ ހުޅުވުނީމާ،" ކައުންސިލްގެ މެންބަރު އަލީ ނިޒާމު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރިޔާޒުގެ ލޮލަށާއި މޫނަށް ލިބިފައިވާ ގެއްލުމުގައި އޭނާގެ ކަނާތު ލޯ އެއްކޮށް ހަލާކުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭނާ ބޭރަށް ގެންދިޔަ އިރު ވަގުތީ ގޮތުން ދެވެން ހުރި ފަރުވާއެއް ދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާގައި ގްރޭންޑަރު ބިއްމައްޗަށް ވެއްޓި، ގްރޭންޑަރުގެ ބުރު ކުދިކުދިވެ، ބުރައިގެން ދިޔަ ބައިތަކުން ޖެހި ރިޔާޒުގެ ލޮލުގެ އިތުރުން ބުމައިން ފެށިގެން އަނގައިގެ މިޔަކަންޏާ ހަމައަށް ވަނީ ކަފައިގެންގޮސްފަ އެވެ. އަދި ލޮލުގެ ކަޅީގެ ބައެއް ވަނީ ބިންމަތީގައި ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.